ސުމަޓްރާގެ އައްސޭރިފަށަށް އިއްޔެ ހަވީރު ބާރުގަދަ ބިންހެލުމެއް އައިއިރު، އެ ސަރަހައްދުގައި ހަރުކޮށްފައިވާ ދުރާލާ ސުނާމީގެ އިންޒާރުދޭ ބޮއިތަށް ރަނގަޅަށް މަސައްކަތް ނުކުރާކަމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނެފިއެވެ.

ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާން، ސުޓޮޕޯ ޕުރްވޯ ނުގުރޮހޯ މިއަދު ވިދާޅުވީ، ބިންހެލުމާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނޭކަމަށް ބެލެވޭ، ނާޒުކު ސަރަހައްދުތައް ބަލައިގެން ހަރުކޮށްފައިވާ 22 ބޮއި އެވަގުތު މަސައްކަތް ކޮށްފައި ނުވަނީ، އޭގެ ތެރެއިން ބައެއް ބޮއިތަކަށް ގެއްލުންދީފައި ވުމާއި، އަދި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަރަށް ފަންޑު ނެތުމުން ކަމަށެވެ.

ސުމަޓްރާއާއި އިންޑޮނޭޝިއާގެ ހުޅަނގުގައިވާ ކުދި ޖަޒީރާތައް ހިމެނޭ ސަރަހައްދަށް ބުދަ ދުވަހު ހަވީރު އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން މާބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބިންހެލުމާ ގުޅިގެން ރައްކާތެރި ސަރަހައްދުތަކަށް އެތަކެއް ހާސް ބަޔަކު ދާން މަޖުބޫރުވިއެވެ.

ސުނާމީ އިވެކުއޭޝަން މަގު ދައްކައިދޭ ސައިން ބޯޑެއް ކައިރިން އަންހެނަކު ހިނގާފައި ދަނީ -- ފޮޓޯ: ރޮއިޓާޒް

ޖަރުމަނާއި އިންޝޮނޭޝިއާގެ ސައިންޓިސްޓުން ގުޅިގެން އިންޑޮނީޝޭއާގެ ސަރަހައްދުތަކުގައި ދުރާލައި ސުނާމީ އިންޒާރުދޭ ބޮއިތައް ހަރުކުރަން ފަށާފައި ވަނީ، 2004 ވަނަ އަހަރު ސުމަޓްރާ ކައިރިއަށް އައި 9.1 މެގްނެޓިއުޑްގެ ބާރު ދަގަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަ ސުނާމީގައި އޭޝިއާގެ 12 ވަރަކަށް ގައުމު ހިނެނޭގޮތަށް ގާތްގަނޑަކަށް 230,000އަށް ވުރެ ގިނަމީހުން މަރުވި ހިތާމަވެރި ހާދިސާ ހިނގިތާ އަހަރެއް ފަހުންނެވެ.

ބުދަދުވަހު އެތަކެއް މިލިޔަން މީހުންނަށް ބާރުގަދަ ބިންހެލުމުގެ އަސަރު ކުރިއިރު، ބޮޑެތި ރާޅުތައް އުފެދޭކަމުގެ އިންޒާރުދޭ ބޮއިތައް ރަނގަޅަށް މަސައްކަތްކޮށްފައި ނުވުމުގެ އިތުރުން ސުމަޓްރާގެ ބަނދަރުމަތީ ސަރަހައްދެއްކަމަށްވާ ޕަޑާނުން ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދެވޭނޭ މަގުތަކާއި ހިޔާވަހިކަން ފޯރުކޮށްދެވޭނޭ ވަސީލަތްތައްވެސް މަދުކަމަށް އެގައުމުގެ ކާރިސާތަކާ ބެހޭ އޭޖެންސީން ބުނެފައި ވެއެވެ.

ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީގެ ވެރިޔާ ޒުލްފިއަންޓޯ ވިދާޅުވީ، ބިންހެލުމާއެކު މުޅި ސަރަހައްދުގައި ބިރުވެރިކަން އުފެދިގެން ދިޔަކަމަށާއި އެހެން ނަމަވެސް ޕަޑާން ސަރަހައްދުގައި އެވަގުތު ވަސީލަތްތައް ހުރީ 200,000 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް ކަަމަށެވެ.

މަސްދަރު:އޭޕީ، ރޮއިޓާސް