އުމުރުން 50 އަހަރުން މަތީ މީހުންގެ ލޮލުގެ މައްސަލަ ހުރިނެތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އިންޓަރނޭޝަނަލް އެޖެންސީ ފޮރ ޕްރިވެންޝަން އޮފް ބްލައިންޑްނެސް ގުޅިގެން ރާއްޖޭގައި ހާއްސަ ސާރވޭ އެއް ފަށައިފި އެވެ.

"ރެޕިޑް އެސެސްމެންޓް އޮފް އެވޮއިޑަބަލް ބްލައިންޑްނެސް ސާރވޭ" ނުވަތަ "ރާބް" ގެ ނަމުގައ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ސާރވޭގައި ހަރަކާތްތެރިވަނީ ލޮލުގެ ހާއްސަ ޑޮކްޓަރެއް ހިމެނޭ ޓީމަކުންނެވެ.

މާލެއާ އަތޮޅު ތެރޭގައި ކުރިއަށްގެންދާ ސާރވޭގައި، ސާރވޭއަށް ހޮވުނު 62 ކްލާސްޓަަރ ގެ ތެރެއިން އުތުރުގެ އަތޮޅުތަކުން 15 ކްލާސްޓަރ އަދި މާލެއިން 7 ކްލާސްޓަރ ނިމި، ސާރވޭ ކުރުމަށް ހަމަޖެހިފައިވާ 3100 މީހުންގެ ތެރެއިން 1120 މީހުން ސާރވޭކޮށް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، އެ ސާރވޭގެ ސަބަބުން 50 އަހަރުން މަތީ މީހުންގެ ލޮލުގެ މައްސަލަތައް ހުރި މިންވަރާ، ހިދުމަތް ލިބިގަތުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

އަދި އެ މައުލޫމާތުގެ އަލީގައި މިހާރު ދޭ ހިދުމަތުގެ ފެންވަރުވެސް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.