މާލެއާ ހުޅުލެއާ ދެމެދު އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސަބަބުން އެމްޓީސީސީގެ ފެރީތަކުގެ ބޭނުން ކެނޑިގެން ނުދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއާ މާލެއާ ދެމެދު ޕްރީމިއަމް ލިންކުގެ ނަމުގައި އޭސީ ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޒާގު ވިދާޅުވީ، ބްރިޖުގެ މަސައްކަތް ފެށިފައިވާއިރު ފެރީގެ އަދަދު އިތުރު ކުރުމުގެ ބޭނުމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދުން އެކަށީގެންވާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމަކަށް ވާއިރު، އަދި ދަތުރުފަތުރުގައި ވެސް އެންމެ ގިނައިން ބޭނުންކުރަނީ ކަނޑުގައި ދުއްވާ އުޅަނދުތައް ކަމަށްވުމުން، ފެރީތަކުގެ ބޭނުން ކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމުގައި ވާތީ ބްރިޖު އެޅިޔަސް ފެރީތަކުގެ ބޭނުމެއް ނުކެނޑޭނެ. ހަމަ ބްރިޖުން ދަތުރުކުރުމާ އެކީގަ، ކަނޑުމަގުން ދަތުރު ކުރާނެ ބޭފުޅުން ތިއްބަވާނެ،" އަބްދުއް ރައްޒާގު ހަލީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެހެން ހިސާބުތަކަށް އެމްޓީސީސީގެ ހިދުމަތްތައް ފުޅާކުރަމުން އަންނަ އިރު، އެ ސަރަހައްދުތަކުގައިވެސް ފެރީތަކުގެ ބޭނުން ހިފޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.

އެމްޓީސީސީ އިން މިހާރު އަންނަނީ ހުޅުމާލެއާ މާލެއާ އަދި މާލެ އާ ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ އަދަދު އިތުރު ކުރުމަށް އިތުރު ފެރީތައް ބަނުމުގެ މަސައްކަތް ކުރަމުންނެވެ.

ބްރިޖު އެޅުމުގެ މަސައްކަތް މިހާރު ފަށާފައި ވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ބްރިޖުގެ މަސައްކަތަށް ބޭނުންވާ 100 މީޓަރުގެ ދެ ބާޖާއި ޓަގު އަދި ދެ ފްލޯޓިން ވެސެލް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މިހާތަނަށް ބްރިޖުގެ މަސައްކަތަށް 17 ކޮންޓެއިނަރުގެ ތަކެތި ރާއްޖެ ގެނެސް ރާޅުގަނޑަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.