މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ލ. ފޮނަދޫގައި މިއަދު ހުޅުވައިފި އެވެ.

އެ އަތޮޅު ކައުންސިލްގެ ގޯތިތެރޭގައި މިއަދު މީރާގެ އޮފީހެއް ހުޅުވައިދެއްވީ އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

ފޮނަދޫގައި ހުޅުވުނު އޮފީހުން މާލޭގައި ހުންނަ މީރާގެ މައި އިދާރާއިން ދޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާގެ ފޮނަދޫ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މީރާ

މީރާއިން މީގެ ކުރިން ވަނީ އައްޑޫ ސިޓީ ހިތަދުއާއި ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ވެސް މީރާގެ އޮފީހެއް ހުޅުވާފަ އެވެ.

އޭގެ އިތުރުން ފ. ނިލަންދޫ، ލ. ފޮނަދޫ އަދި ބ. އޭދަފުށީގައި ވަނީ މީރާގެ ކަލެކްޝަން ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ.

މީރާގެ ހިދުމަތްތައް ފުޅާކުރަމުން ދަނީ އާބާދީ އާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަން ދީގެންނެވެ.