މިއަހަރުގެ ތެރޭގައި މާލެއާ ވިލިމާލެއާ ދެމެދުގައި ވެސް އޭސީ ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއާ މާލެއާ ދެމެދު ޕްރީމިއަމް ލިންކުގެ ނަމުގައި އޭސީ ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޒާގު ވިދާޅުވީ، މިހާރުވެސް ޕްރިމިއަމް ލިންކަށް އިތުރު ތިން ފެރީއެއް ބަނުމުގެ މަސައައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ވިލިމާލޭގައިވެސް މި ހިދުމަތް ފެށިގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" ރައްޒާގު ވިދާޅުވި އެވެ.

އެމްޓީސީސީން މިއަދު ޚިދުމަތަށް ނެރުނު 146 މީހުންގެ ޖާގައިގެ އޭސީ ފެރީ: ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ. މި ފެރީގައި މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެ -- ސަން ފޮޓޯ: ޝަފްނާ ޙުސައިން

ރައްޒާގު ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ހިދުމަތްތަކުގެ ބޭނުން ހިފާއިރު، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުނުވުމަށާއި، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށް ރައްޒާގު ވަނީ ގޮވާލައްވާފަ އެވެ.

އެމްޓީސީސީއިން ވަނީ މިދިޔަ އަހަރު ޑަބަލް ޑެކް ފެރީގެ ހިދުމަތް ފަށައި، ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އިތުރު ބަސްތަކެއް ވެސް ތައާރަފު ކޮށްފަ އެވެ. އަދި އެއާޕޯޓަށް ދަތުރު ކުރުމަށް ޝަޓްލް ބަހުގެ ހިދުމަތްވެސް ވަނީ ފަށާފަ އެވެ.