03 Mar 2016, 18:52
ސަރުކާރުން އިސްވެ އޮވެ ސިޔާސީ ޕާޓީތަކާއި އެކު ރޭ ފެށި މަޝްވަރާތަކުގައި މިއަދު ވެސް އިދިކޮޅު އެމްޑީޕީއާ އަދާލަތުން ބައިވެރިނުވުމުން އެ ދެ ޕާޓީއަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މިއަދުގެ މަޝްވަރާ ނިންމާލައިފި އެވެ.
ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރާ މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އެމްޑީޕީއާ އަދާލަތުން މަޝްވަރާގައި ބައިވެރިކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ސަރުކާރުން ހޯދާނެ ކަމަށެވެ.
ޝައިނީ ވިދާޅުވީ، ޕާޓީތަކުގެ މެދުގައި އެއްވެސް ހިޔާލު ތަފާތުވުންތަކެއް އޮތް ކަމަށްވާ ނަމަ އެކަންކަން ހައްލު ވާނީ މަޝްވަރާ ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން ދެން މަޝްވަރާގެ އިތުރު ބައްދަލުވުމެއް ބާއްވާނީ ބޭރުގެ ފަރާތްތަކުގެ އެހީއާއެކު އެމްޑީޕީ އަދި އަދާލަތުން ވެސް މަޝްވަރާގައި ބައިވެރިވުމަށް ބާރުއެޅުމަށްފަހު،" ޝައިނީ ވިދާޅުވި އެވެ.
މަޝްވަރާގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އޭނާ އުއްމީދު ކުރައްވަނީ މަޝްވަރާގެ ކޮންމެ ހިސާބަކުންވީ ކަމުގައިވިއަސް އެ ދެ ޕާޓީ ވެސް މަޝްވަރާގައި ބައިވެރިވުން ކަމަށެވެ. އަދި މަޝްވަރާގައި ބައިވެރިވެވަޑައިގަތުމަށްފަހު ކަންކަން ހައްލު ކުރުމަށް މަޝްވަރާ ކުރުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ އެއްޗަކީ ވާހަކަދައްކައިގެންކަން ކަންކަން ހައްލު ވެގެންދާނީ. އަދި ކަންކަން ކުރުމަށް އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތަކީ ވެސް އެއީހެން އަޅުގަނޑަށް ހީވަނީ،" ގާސިމް ވިދާޅުވި އެވެ.
ރޭ ފެށިގެން ދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމާއި ސަރުކާރު ކޯލިޝަން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރްޕީ އެވެ.