03 Mar 2016, 17:45
އެމްޓީސީސީގެ "ޕްރިމިއަމް ލިންކް" ގެ ނަމުގައި އޭސީ ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އޭސީ ފެރީގެ ހިދުމަތް މިއަދު ފަށާފައި ވާއިރު، ކޮންމެ ޓާމިނަލެއްގައި އޭސީ ފެރީ އިން ދަތުރުކުރާ ފަސިންޖަރުންނަށް، ހާއްސަކޮށްފައިވާ ލައުންޖުވެސް މިއަދު ވަނީ ހުޅުވާފަ އެވެ.

އެމްޓީސީސީގެ އޭސީ ފެރީގެ ފަސިންޖަރުންނަށް ހާއްސަކުރެވިފައިވާ ލައުންޖު ހުޅުވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
ހުޅުމާލޭ ފެރީ ޓާމިނަލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އޭސީ ފެރީ އަދި އެ ފެރީގެ ފަސިންޖަރުންނަށް ހާއްސަކުރެވިފައިވާ ލައުންޖު ހުޅުވައިދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
"ކޮއިމަލާ 1" އަދި "ކޮއިމަލާ 2" ގެ ނަމުގައި އެމްޓީސީސީގެ އޮޕަރޭޝަންތަކަށް މިއަދު ނެރުނު އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ. 146 މީހުންގެ ޖާގައިގެ އޭސީ ދެ ފެރީ އިން މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެވެ.

އެމްޓީސީސީން މިއަދު ޚިދުމަތަށް ނެރުނު 146 މީހުންގެ ޖާގައިގެ އޭސީ ފެރީގެ އެތެރެ: ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ. މި ފެރީގައި މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެ -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
އޭސީ ފެރީތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސީސީޓީވީ ކެމެރާވެސް ވަނީ ހަރުކޮށްފަ އެވެ. ދެ ފެރީގެ ދަތުރުތައް ހަމަޖެހިފައިވަނީ ޕީކް ގަޑިތަކުގައި 30 މިނެޓުން ދަތުރެއް އަދި އޮފްޕީކް ގަޑިތަކުގައި ގަޑި އިރަކު އެއް ދަތުރެވެ.
ނަމަވެސް ކުރިއަށް އޮތްތަނުގައި ޕީކް ގަޑިތަކުގައި ގަޑިއަކު ދެ ފަހަރު ހިދުމަތް އަވަސްވެގެންދާނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީން މިއަދު ޚިދުމަތަށް ނެރުނު 146 މީހުންގެ ޖާގައިގެ އޭސީ ފެރީގެ ސިކިއުރިޓީ ސިސްޓަމް: ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ. މި ފެރީގައި މާލެއާ ހުޅުމާލެ އާ ދޭތެރޭ ކުރާ ދަތުރަކަށް ހޭދަވާނީ 15 މިނެޓެ -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
އޭސީ ފެރީތަކުގައި، ކުޑަ ވަގުތުކޮޅެއްގައި ދަތުރު ކުރުމަށް ބޭނުންވި ނަމަވެސް، އޭސީގައި ދަތުރު ކުރަން ބޭނުން ނުވާ ފަރާތްތަކަށް ހާއްސަކޮށް، އޭސީ ނުކުރާ ބައެއްވެސް ވަނީ ހިމަނާފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރައްޒާގު ވިދާޅުވީ މިއަދު ތައާރަފު ކުރެވުނު ފެރީތަކުގެ ސަބަބުން ފެރީތައް އޮޕަރޭޓު ކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ.
ކޮންމެ ފެރީއަކަށް 4.2 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ސީއީއޯ ހަލީލް ވިދާޅުވި އެވެ. އެފެރީތަކުގައި އިންޖީނު އަޅާފައިވަނީ އެމްޓީސީސީއިންނެވެ
އެމްޓީސީސީ އެކްސްޕްރެސްގެ ހިދުމަތެކޭ އެއްގޮތަށް ކުރިއާލާ ވަކި ގަޑިއަކަށް އޭސީ ފެރީގެ ޓިކެޓުތައް ވެސް ގަނެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އަދި އޭސީ ފެރީގެ ހިދުމަތް ފެށި ނަމަވެސް އެކްސްޕްރެސް ލޯންޗުގެ ހިދުމަތްވެސް ކުރިއަށްދާނެ އެވެ.
އެމްޓީސީސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޑަބަލްޑެކް ފެރީއެއް ވެސް ތައާރަފްކޮށްފަ އެވެ.
ފެރީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޓީސީސީ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެ އެވެ.