މުޖުތަމައު އަށް ނުރައްކާ ތެރި މީހުންގެ ތެރޭ ފުލުހުން ފާހަގަކޮށްފައިވާ މއ. ނައިޓް ވިލާ އިބްރާހިމް އަބުދުﷲ (ގައްބަރޭ) ބޮލުގެ ފަރުވާ އަކަށް ރާއްޖޭ އިން ބޭރަށް ފުރައިފި އެވެ.

އޭނާ ފުރާފައި ވަނީ ފުލުހުންގެ ހުއްދައާ އެކު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގައްބަރޭ އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިއުމަށް ދޫކޮށްފައި ވަނީ ޑޮކްޓަރުގެ ލިޔުމަކާ އެކު ކަމަށެވެ. އެހެންނަމަވެސް ފަރުވާ އަށް ފަހު ގައްބަރޭ ރާއްޖެ އަންނާނެ ވަކި މުއްދަތެއް އެނގިފައި ނުވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މުޖުތަމައު އަށް ނުރައްކާ ބޮޑު ކަމަށް ފުލުހުން ބުނާ މީހުންގެ ތެރޭގައި ހިމެނޭ ގައްބަރޭ އިތުރު މައްސަލައެއްގެ ތުހުމަތުގައި ފަސް ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ދިން ހުއްދަ މިއަދަށް ވަނީ ހަމަވެފަ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ގައްބަރޭ މާލެ އައުމުން އަނެއްކާ ވެސް ހައްޔަރު ކުރާނެ ކަމަށެވެ.

މާލެ ތެރޭ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ކަމަށް ބުނެ ގައްބަރޭ ހައްޔަރު ކުރުމަށް ފުލުހުން ފުރަތަމަ ކޯޓުގައި އެދުނު ނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ގައްބަރޭ ބަންދުގައި ބެހެއްޓުމުގެ މުއްދަތު ކޯޓުން އިތުރުކޮށްދިނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އިތުރު މާރާމާރީއެއްގެ މައްސަލައެއްގަ އެވެ.

ތަފާތު އެކިއެކި މައްސަލަތަކުގައި މީގެ ކުރިން 14 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ގައްބަރޭ ވަނީ މީގެ ތިން މަސް ކުރިން މާރާމާރީ އެއްގައި އޭނާގެ ބޮލުގެ ފުއްކިބައަށް ލިބުނު ޒަޚަމްތަކާ ގުޅިގެން ރާއްޖެ އިން ބޭރުން ފަރުވާ ހޯދައިފަ އެވެ.

ގައްބަރޭއަކީ 2008 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އަލީ އިޝާރު )ޗޯޓޭ( މަރުގެ މައްސަލައިގެ ދައުވާ ލިބުނު މީހެކެވެ. އޭރު އޭނާ އަކީ ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް އެ ފަހަރު އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެގެން ދޫކޮށް ލައިފަ އެވެ.

މީގެ އިތުރުން ވެސް ފިނޭންސް މިނިސްޓްރީ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ވެސް ގައްބަރޭގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އެހެންނަމަވެސް އެ ފަހަރުވެސް އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެފަ އެވެ.