03 Mar 2016, 17:40
ލ. ފޮނަދޫގައި ބޯފެނުގެ ނިޒާމު ގާއިމްކުރަން 47 މިލިޔަން ރުފިޔާގެ އަގަކަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
ފޮނަދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރީ ސިއެރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މަޝްރޫއު ހަވާލުކުރީ ޖުމްލަ 47،139،214 ރުފިޔާގެ އަގަކަށް އެއް އަހަރު ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މަޝްރޫއުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކީ ރަށަށް ބޭނުންވާ ފެން އުފައްދާ އާރް އޯ ޕްލާންޓާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމާއި ފެން ވިއުގައެއް ގާއިމްކުރުމާއި އެ ފެން ވިއުގަ މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދިނުމަށް މީޓަރު ގުޅައިދިނުމެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އެންވަޔަރްމެންޓް މިނިސްޓްރީގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމެވެ. އަދި ސިއެރާ މޯލްޑިވްސްގެ ފަރާތުން ސޮއކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިމާލު ލޮކުގެ އެވެ.
އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް ޢަބުދުއް ރަޙީމު ޢަބުދުﷲ ވެސް ބައިވެރިވަޑައިގެންނެވި އެވެ.