03 Mar 2016, 17:44
ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް، ފިލްމު "ޖެއި ހޯ" ގެ ބަތަލާ ސަނާ ހާން އަށް އަނިޔާ ވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުން ސަނާ އަށް އަނިޔާ ވީ ޕެރަސެއިލް ކުރަނިކޮށް ކަނޑަށް ވެއްޓުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ވެއްޓިފައި ވަނީ، ޕެރަސެއިލިންގު ބުރެއް ނިންމާލަން އުޅެނިކޮށް އޭގެ ވަލުގައި ޖަހާފައި ހުރި ބުޅި ގަނޑެއް ނައްޓައިގެން ދިޔުމުންނެވެ.
ކަނޑަށް ވެއްޓުމުގެ ސަބަބުން ކުއްލި ޝޮކެއް ލިބުުނު ސަނާގެ ކަނާއަތަށް ވެސް އަނިޔާ ވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ހަމައެއާއެކު، ސަނާ ކަނޑަށް ވެއްޓުމާއެކު ލައިފު ގާޑުން އޭނާ ވަގުތުން ސަލާމަތް ކޮށްފައިވާ ކަމަށާއި، އަދި ފަރުވާ ދިނުމަށް ރިސޯޓަށް ގެންދިޔަ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
"ޖެއި ހޯ" ގެ އިތުރުންވެސް ސަނާ ވަނީ ސައުތު އިންޑިއަން ގިނަ ފިލްމުތަކެއް ކުޅެފައެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި، ކުލައިމެކްސް، ތަލައިވަން ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
އޭނާގެ ދެން އެންމެ އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ހިންދީ ފިލްމަކީ "ގްރޭޓް ގްރޭންޑް މަސްތީ" އެވެ. އެ ފިލްމު މި އަހަރު ފަހުކޮޅު ރިލީޒް ކުރެވޭނެ ކަމަށް ބެލެވެއެވެ.