03 Mar 2016, 17:37
ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ކޮށްގެން ހަދާ ޓީވީ ޗެނަލް އުފައްދަން ޔޫތު މިނިސްޓްރީ އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު ޓީވީއެމްގައި ބޭއްވި ރަސަމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރުއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލެވެ.
ސޮއިކުރެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ގާނޫނެއްގެ ދަށުން ޔޫތު މިނިސްޓްރީގެ މައްޗައް ލާޒިމް ކުރޭ އެ ޗެނަލް އުފެއްދުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ޕީއެސްއެމް އިން ކަމަށާއި އެކަމަށް ޔޫތު މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ މިފަދަ ޗެނަލްއެއް މެދުވެރިކޮށް ޒުވާނުންނަށް ލިބެންޖެހޭ މައުލޫމާތާއި، ރާއްޖޭގެ އެކު ކަންކޮޅުތަކުގައި ހިނގަމުންދާ ކުޅިވަރުގެ ޕްރޮގްރާމްތައް އެސޯސިއޭޝަންތަކާއި ގުޅިގެން ވީހާވެސް ގިނަބަޔަކަށް ފެނިގެން ދިއުން،"
މިނިސްޓަރު ވިދާޅުވީ ޕީއެސްއެމްއާ އެ ޗެނަލް އުފެއްދުމުގެ މަސަތްކަތް ހަވާލުކުރީ ސްޕޯޓްސް ޗެނަލްއެއް އުފެއްދުމަށް ހާއްސަކޮށްގެން ކުންފުންޏެއް އުފެއްދުމަކީ ހަރަދު ބޮޑުކަމަކަށް ވާތީ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލި ވިދާޅުވީ އެ ކުންފުނީގެ ގަވަނަނިން ބޮޑީ އިން މިދިޔަ އަހަރު ވާނީ ކުޅިވަރަށް ހާއްސަކޮށްގެން ޓީވީ ޗެނަލް އެއް އުފެއްދުމަށް ނިންމާފައި ކަމަށާއި ނަމަވެސް ގާނޫނެއްގެ ދަށުން އެކަންފެށުމާ އެކު ޕީއެސްއެމް އަށް ވެސް އިތުރު ފަސޭހަ ތަކެއް ވެގެން ދާނެ ކަމަށެވެ.
"މި ޗެނަލް ވެގެން ދާނީ ރާއްޖޭގެ އެންމެ މަގުބޫލް އެންމެ ގިނަ މީހުން ބަލާނެ އަދި އެންމެ ކާމިޔާބް ޗެނަލަށް. އެއީ މި ޗެނަލަކީ ދިވެހި ޒުވާނުންގެ ތަރައްގީއަށާއި ކުޅިވަރުގެ ތަރައްގީއަށާއި އާޓްސް ދާއިރާގެ ތަރައްގީއަށް ކުރަކަމަކަށްވާތީވެ،" ހަލީލު ވިދާޅުވިއެވެ.
ހަލީލި ވިދާޅުވީ މާ ލަސްތަކެއްނުވެ އެ ޗެނަލްގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި ފުރަތަމަ ފަށާއިރު ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ސިގްނަލް ލިބޭނެ ކަމަށެވެ.