03 Mar 2016, 19:01
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި އޮޕަރޭޝަން އެއާލައިން އޮފީހަކާއި އެއާ ލައިން ކޮމްޕްލެކްސް އޮފީހެއް ހިމެނޭ އިމާރާތެއް އެޅުމަށް 50 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
މިއަދު އައިއެންއޭގެ މާމަހި ސީއައިޕީ ލައުންޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މިއަދު ސޮއި ކުރެވިގެން ދިޔަ ޕްރޮޖެކްޓަކީ 50 މިލިއަނަށްވުރެ ބޮޑު އަދަދެއް އެކުލެވޭ ޕްރޮޖެކްޓެއް ކަމަށެވެ.
"ސެކިއުރިޓީ މިހާރު އެއާޕޯޓުގަ ހުރި ގޮތުން މިހާރު އެކިތަންތަނަށް އެކްސެސް ވެވެން ހުންނާތީވެ އަޅުގަނޑުމެން މިކަން މިނިމައިޒް ކުރުމުގެ ގޮތުން ސެންޓްރަލައިޒް އޭރިއާއެއް ކަނޑައެޅި އެއާ ސައިޑަށް އެކްސެސް ވެވޭނެ ހެން،" އާދިލް މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޓާފުންނަށް ހާއްސަކޮށްގެން އެ އިމާރާތުގައި ކެންޓީނެއް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ. އަދި އޮޕަރޭޝަނަލް ބޭނުންތަކަށް ބޭނުންވާ އޮފީސް އިމާރާތާއި އެއާލައިންތަކަށް ބޭނުންވާ އޮފީސްވެސް އެ އިމާރާތުގައި ގާއިމު ކުރެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.
"އިރާދަ ކުރެއްވިއްޔާ...މިއަހަރުގެ ފަހު ކުއާޓާ ނިމުމުގެ ކުރިން، ފަހު ކުއާޓާ ތެރޭގަ އަޅުގަނޑުމެން މި ބަލަނީ މި ޕްރޮޖެކްޓު ނިމި އަޅުގަނޑުމެންނަށް ހަވާލު ކުރެވޭނެ ކަމަށް...ފްލޯ އޭރިއާ ފޭސް އަށް ބަލާކަމުގަ ވަންޏާމު 3،484 އަކަ މީޓަރުގެ ބޮޑު ޖާގައެއްގެ އިމާރާތެއް މިއީ،" އާދިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓުގައި މިހާރުވެސް 700 މިލިއަން ރުފިޔާގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެއާޕޯޓު ތަރައްގީ ކުރުމަށް ކުރާ ރީލޮކޭޝަންގެ މަސައްކަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ މާނައަކީ އިތުރު ގޭޓުތައް ހެދުމާއި އިތުރު ލައުންޖުތައް ހެދުމާއި މިކަންތައް އަޅުގަނޑުމެން މިހާރުވެސް އެވޯޑުކޮށްގެން ކުރިއަށް މި ގެންދަނީ...އެމްޓީސީސީ އާއެކު މިދިޔަ އަހަރު ސޮއި ކުރެވުނު އެގްރީމެންޓުގައި 13 އިމާރާތެއްް އަޅުގަނޑުމެން ވާނީ ތަރައްގީކުރަން ނިންމާފައި ...މި ބަލަނީ މި އަންނަ މަހު ތެރޭ ނިމި އަޅުގަނޑުމެންނަށް ހަވާލު ކުރެވޭނެ ކަމަށް،" އާދިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރީލޮކޭޝަން އާ ގުޅިގެން ނެވިގޭޝަނަލް އިކުއިޕްމެންޓުތައް ވެސް ރީލޮކޭޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ މޭ މަހު ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.
ހަމައެހެންމެ، މިދިޔަ ޑިސެމްބަރު މަހު ފެށި ރަންވޭ ރީސާފަސް ކުރުމުގެ މަސައްކަތްވެސް މި މަސްތެރޭ ނިންމާލެވި އެއާލައިންތަކަށް ރަންވޭ ބޭނުން ކުރެވޭ ވަރު ވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.