ހދ. ކުޅުދުއްފުށި ސިނަމާގެ އައިޝަތު ފަރިޔާލު، 33 އެއަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި ޑޮކްޓަރު ކޮންޓްރެކްޓް ހަމަވެގެން ދާން ބޭނުންވުމުން މިހާރު ފޮނުވާލާފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފި އެވެ.

ސިޒޭރިއަން ހެދުމުގެ ދިމާވި މައްސަލައަކާ ގުޅިގެން ލޭ މަނާ ނުވެ ހާލު ސީރިއަސްވި ފަރިޔާލު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ފަރިޔާލު ނިޔާވެފައި ވަނީ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.

އެމައްސަލާގައި ޑޮކްޓަރު ސަސްޕެންޑްކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެސެސްމެންޓެއް ވެސް ހެދުވި އެވެ. ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ އެމައްސަލާގައި އިހުމާލުވިކަމަށް ތުހުމަތުކުރެވޭ ޑޮކްޓަރު ކޮންޓްރެކްޓް ހަމަވެގެން އިތުރަށް ކޮންޓްރެކްޓް އާކުރަން ބޭނުން ނޫންކަމަށް ބުނުމުން ފޮނުވާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެ ޑޮކްޓަރުގެ އެސެސްމެންޓެއްވެސް ހެދިން. އެކަމު މިހާރު އެސެސްމެންޓުގެ ނަތީޖާ އެހާ މުހިންމެއްވެސް ނޫން ދެއްތޯ. އޭނަ ކޮންޓްރެކްޓް ހަމަވެގެން އިތުރަށް ކޮންޓްރެކްޓް އާކުރަން ބޭނުން ނުވުމުން ފޮނުވާލައިފިން" ހެލްތް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީއިން މީގެކުރިން ބުނެފައިވަނީ މައްސަލަ ބަލައި ނިމެންދެން އެ ޑޮކްޓަރު ސަސްޕެންޑުކޮށްފައި ހުރި ކަމަށެވެ. ފަރިޔާލުގެ ސިޒޭރިއަން ހެދީ މިސްރު ޑޮކްޓަރެއް ކަމަށްވާ ރާއޯ އެވެ. ޑޮކްޓަރު މިހާރު ރާއްޖެއިން ފޮނުވާލާފައިވަނީ އެޗްއާރުސީއެމުންވެސް އިސްނަގައިގެން އެމައްސަލަ ބަލަމުން ދަނިކޮށެވެ.