ކައިރޯ (މާޗް 3): މިސްރުގައި ހުންނަ އިސްރާއީލް ސަފީރާ ބައްދަލުކުރެއްވުމާ ގުޅިގެން މިސްރުގެ މަޖިލިސް މެމްބަރެއް ކަމަށްވާ، ތައުފީކް އޮކާޝާ މަޖިލީހުން ވަކިކުރުމަށް މިސްރުގެ ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.

އިއްޔެ އޮތް މަޖިލިސް ބައްދަލުވުމުގައި ހާޒިރުވެ ތިއްބެވި 490 މެމްބަރުންގެ ތެރެއިން 465 މެމްބަރުން ވަނީ އޮކާޝާ މަޖިލީހުން ވަކި ކުރަން ތާއިދު ކުރައްވާފަ ނެވެ.

މިދިޔަ މަހު އޮކާޝާއާއި އިސްރާއީލްގެ ސަފީރު، ހައިމް ކޮރެން ބޭއްވި ބައްދަލުވުމުގައި އޮކާޝާ ވަނީ މިސްރުގެ ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކާ ބެހޭގޮތުން އިސްރާއީލްގެ ސަފީރާ މަޝްވަރާކޮށްފައި ބައެއް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް، އޮކާޝާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި މިސްރާއި އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައް އޮންނަ ކަމުން، އިސްރާއީލުގެ ސަފީރާ ބައްދަލުކުރުމަކީ ކުށަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިސްރުގެ ރައްޔިތުން ވަނީ ދާދި ފަހުންވެސް އިސްރާއީލާ މިސްރާ އޮތް ގުޅުންތައް ކަނޑާލުމަށް ގޮވާލާ، އިސްރާއީލް އެމްބަސީ ކައިރީގައި މުޒާހަރާކޮށްފަ އެވެ. (ޕްރެސްޓީވީ)