މާލެ އާއި ހުޅުލެއާ ދެެމެދު އަޅާ ބްރިޖްގެ މަސައްކަތް އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ އެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރަކާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް އަދި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު އެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ މެމްބަރު އަލީ ހުސެއިން އެވެ.

ބްރިޖު އީއައިއޭއާ ގުޅޭ މައްސަލަ ކޮމެޓީއަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ އެޖެންޑާ ކުރީ މިއަދު އެވެ. ނަމަވެސް އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުމަށްފަހު މައްސަލަ ބަލައިގަތުމާއި ގުޅޭ ގޮތުން ކޮމެޓީގައި ވޯޓެއް ނެގި އެވެ. އަދި އެ މައްސަލަ ކޮމެޓީއަށް ބަލައިގަތުމަށް ވޯޓު ދެއްވީ މައްސަލަ ހުށަހެޅުއްވި މެމްބަރު އަލީ ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް އެވެ. އަދި ބާކީ ތިއްބެވި ހަ މެމްބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަތުމާ ދެކޮޅަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވި މެމްބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުން ކޮމެޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

އެ މައްސަލަ ހުށަހެޅުއްވި އެއް މެމްބަރު އަލީ ހުސައިން ވިދާޅުވީ އީއައިއޭ ރިޕޯޓާ ހިލާފަށް ރާޅުގަނޑުން ބައެއް ހިއްކަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ހަތަރު މެމްބަރުން އެ މައްސަލަ ކޮމެޓީއަށް ހުށަހެޅީ ކަމާ ގުޅޭ މައުލޫމާތު ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބޭފުޅުން އަދި އީއައިއޭ ތައްޔާރުކުރި ސީޑީއީ ކޮންސަލްޓިންގެ ބޭފުޅުންނާއި ޗައިނާ ޝިޕިން އެންވަޔަރްމަންޓް ޓެކްނޮލީގެ ބޭފުޅުން އެ ކޮމިޓީ އަށް ހާޒިރުކުރަން ބޭނުންވާ ކަމަށް ބުނެ އެވެ.