03 Mar 2016, 14:51
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
އެމައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2:00 އަށެވެ. އެނގިފައިވާގޮތުން އެމައްސަލަ ކެންސަލްވީ މައްސަލަ ބަލާ ސެކްޝަނުގައި ހެކިބަސް ނަގާ އެހެން މައްސަލައެއް ކުރިއަށްދާތީ އެވެ. އެމައްސަލަ ބައްލަވަނީ މިހާރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ކުއްޔަން ދިނުމުން، އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި 1،000،000 ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ، އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.
އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އެކަމުގެ އަގުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކް ހަވާލުކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ކަމަށް މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ޒިޔަތު ވަނީ ވިދާޅުވެފަ އެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޒިޔަތު ވިދާޅުވީ އެ ޗެކު އަދީބާ ހަވާލުކުރީ އެފަދަ ފައިސާތައް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީގެ ސިޓީއަކުން އެމްއެމްޕީއާރްސީއަށް އަންގާފައިވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވެފައިވަނީ އެ ފައިސާއާ ހަވާލުވުމަށްފަހު ފައިސާއާ ހަވާލުވި ކަމުގެ ރަސީދެއް ވެސް އަދީބު ދެއްވާފައިނުވާ ކަމަށެވެ. އަދި އެފައިސާ ދައުލަތަށް ލިބުނުކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ފުލުހުން ތައްޔާރުކުރި ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ސިޓީތަކަކާއި އެބޮނީ ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރްސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއްގެ އިތުރުން އެމްއެމްޕީއާރްސީ އާއި އެބޮނީ ޕްރައިވެޓް ލިމިޓެޑްގެ ބޭންކު ސްޓޭޓްމަންޓުގެ ކޮޕީ ހިމެނެއެވެ.
ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.