އެފްއޭއެމް އާ އަސާސީ ޤަވާއިދު ފާސް ކުރުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފުރަތަމަ ޑިވިޝަންގެ އަށް ކުލަބަށްވެސް ވޯޓް ލުމުގެ ފުރުސަތު ލިބިފައިވާއިރު، ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓު ލާނެ ހަތް ކުލަބު ހޮވުމަށް ބާއްވާ ޕްރައިމެރީ މާދަމާ ރެ ބޭއްވުމަށް އެފްއޭއެމްއިން ނިންމައިފި އެވެ.

އެފްއޭއެމްއިން މިހާރު ޢަމަލު ކުރަމުންދާ އަސާސީ ޤަވާއިދުގެ ދަށުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާނީ ހަތް ޓީމަށެވެ. އެއީ ދެ ވަނަ ޑިވިޝަންގެ ފަސް ކުލަބާއި ތިން ވަނަ ޑިވިޝަންގެ ދެ ކުލަބަށެވެ.

ޕްރައިމެރީ ބާއްވާނީ އެޑިވިޝަނެއްގެ ކުލަބުތަކެއްގެ މެދުގައެެވެ. ޕްރައިމެރީގައި ކޮންގްރެސްގައި ވޯޓް ލުމަށް ބޭނުންވާ ކުލަބުތަކަށް ފުރުސަތު ހުޅުވާލާނެއެވެ. އަދި ކުރިމަތިލާ ކުލަބުތަކަށް ވޯޓް ދޭނީ އެޑިވިޝަނެއްގެ ކުލަބުތަކުންނެވެ. ޕްރައިމަރީ އޮންނާނީ މާދަމާ ރޭ 8:30 ގައި އެފްއޭއެމް ހައުސްގައެވެ.

މިއީ އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސް ކުރުމަށް އެފްއޭއެމްއިން ބާއްވާ ދެ ވަނަ ކޮންގްރެސްއެވެ. މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ކޮންގްރެސްގައި އާ އަސާސީ ޤަވާއިދު އަލުން ފާސް ކުރަނީ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނާއި ޤަވައިދުގައިވާ ގޮތުން އަސާސީ ޤަވައިދުގައި ހިމެނެން ޖެހޭ ނެތުމުން ހޯމް މިނިސްޓރީ އާއި ބަންޑާރަނައިބު އޮފީހުގެ ލާފާގެ މަތިން އެ މާއްދާތައް ހިމެނުމަށްފަހު އެ މާއްދާތައް ފާސް ކުރުމަށެވެ.

އެްފްއޭއެމްގެ ޖެނަރަލް ސެެކެޓްރީ ކުރިން ވިދާޅުވެފައިވަނީ އަސާސީ ޤަވާއިދުގައި ހިމެނުމަށް ހޯމް މިނިސްޓްރީއިން ލާފާ ދިފައިވަނީ ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގައި ހިމެނޭ ކަންކަން އަސާސީ ގަވާއިދުގައި ހިމެނުމަށް ކަމަށެވެ.

ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލުމަށް ކަނޑައެޅުމަށް ޖަމިއްޔާއިން އަމަލު ކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.އެ ގަވާއިދުގެ 45 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލަން ޖަމިއްޔާގެ ހިންގާ ކޮމިޓީން ފަސް ކުރުމަށްފަހު ޖަމިއްޔާގެ މުދަލާ މެދު އަމަލު ކުރަންޖެހޭ ގޮތް ތަކެވެ.

"ވަރަށް ކުދި މާއްދަތައް އިތުރު ކުރުމަށް ލާފަ ދީފައިވަނީ އެސޯސިއޭޝަން އުވާލުމަށް އެސޯސިއޭޝަނުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި އުވަލުމަށްފަހު އެފްއޭއެމްގެ މުދަލާ މެދު އަމަލު ކުރަންޖެހޭ ގޮތްތައް ހިމެނުމަށް ހުށަހަޅާފައިވަނީ،" ބައްސާމް ކުރިން ވިދާޅުވެފައިވެއެވެ.