03 Mar 2016, 13:35
ނާސާ (މާޗް 3): ޖައްވުގައި އެއް އަހަރު ހޭދަ ކުރުމަށް ފަހު އިއްޔެ އަނބުރާ ދުނިޔެއަށް އައި، ސްކޮޓް ކެލީ ވަނީ ދެ އިންޗި ދިގުވެފައި ކަމަށް ނާސާއިން ބުނެފި އެވެ.
ނާސާގެ އެސްޓްރޮނޯޓެއް ކަމަށްވާ ޖެފް ވިލިއަމްސް ވިދާޅުވީ ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ހުރި ދުވަސްތަކުގެ ތެރޭގައި ކެލީގެ ދިގު މިން އިތުރުވުމަކީ ކުރިންވެސް ލަފާކޮށްފައިވާ ކަމެއް ކަމަށާއި އޭނާ އަނެއްކާވެސް ކުރިން ހުރި ދިގު މިނަށް ބަދަލު ވާނެ ކަމަށެވެ.
"ޖައްވުގައި ތިބުމުން އެސްޓްރޮނޯޓުންގެ މައިބަދަ ދިގުވާ ވަރަކަށް މީހާ ދިގުވާނެ. އަދި އަނބުރާ ދުނިޔެއަށް އައުމުން، ޖައްވަށް ދިޔުމުގެ ކުރިން ހުރި ދިގުމިނަށް ބަދަލުވާނެ،" ވިލިއަމްސް ވިދާޅުވި އެވެ.
އައިއެސްއެސް އަކީ މައިކްރޯ ގްރެވިޓީ ނުވަތަ ވަރަށް ކުޑަ މިންވަރަކަށް ދަމާ ބާރު ހުންނަ ތަނެކެވެ. އެހެންކަމުން، ޖައްވުގައި ހުންނަ އިރު މައިބަދައިގައި ހުންނަ ބަދަތަށް ތިރިއަށް ދަމާ ބާރު ކުޑަވުމުން މީހަގެ މައިބަދަ ސީދާވެ، ދިގުމިން އިތުރުވާނެ ކަމަށް ނާސާއިން ބުނެ އެވެ.
ޖައްވުގައި އެންމެ ގިނަ ދުވަސް ހޭދަ ކުރި އެމެރިކާގެ އެސްޓްރޮނޯޓްގެ ރިކޯޑާއެކު ކެލީ އަނބުރާ ދުނިޔެއަށް އައުމުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ކެލީ އަށް ފޯނުން ގުޅުއްވާ، މަރުހަބާ ވިދާޅުވެފަ އެވެ.
ކެލީގެ ސްޕޭސް މިޝަންގެ މަގުސަދަކީ ޖައްވުގައި ދިގު މުއްދަތެއް ހޭދަކުރުމުން މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަންނަ ބަދަލުތައް ބެލުމެވެ. އެ މައުލޫމާތުގެ ޒަރިއްޔާއިން އިންސާނުން މާސްއަށް ފޮނުވުމަށް ނާސާއިން ކުރަމުންދާ މަސައްކަތައް ބޮޑު ކުރި އެރުމެއް ލިބޭނެ ކަމަށް ނާސާއިން ބުންޏެވެ.
ޖައްވުގައި އަހަރެއް ހޭދަ ކުރުމުން ކެލީއަށް އައިސްފައިވާ ބަދަލުތައް ބަލާނީ ދުނިޔޭގައި ހުރި އޭނާގެ ކޮއްކޮ، މާކް އަށް އައިސްފައިވާ ބަދަލުތަކާ އަޅާކިޔާފަ އެވެ. (ސީއެންއެން)