މެލޭޝިއާގައި ކުރިއަށްދާ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމް އެ ގައުމަށް ފުރައިފިއެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި މިއަދު ފަށާ އެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމުގައި 12 ކުޅުންތެރިން ހިމެނޭއިރު ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އަދި ވޭތުވެދިޔަ ތިން މުބާރާތުގައި ވެސް ވޮލީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ އިޝާން މުހައްމަދު (ބަޓިސް) ވަނީ ސްކޮޑުން ބާކީކޮށް ކެޕްޓަނަކަށް އިސްމާއިލް ސާޖިދު ހަމަޖައްސާފައެވެ.

ބަޓިސް ސްކޮޑުން ބައިކީކުރީ ވޮލީބޯޅަ ޓީމުގެ ޕްރެކްޓިހަށް ހާޒިރުވާން ކުޅުންތެރިންނަށް ކަނޑައަޅާފައިވާ އެޓެންޑެންސް ކްރައިޓީރިއާ ހިލާފުވެފައިވާތީ ކަމަށް ޓީމުގެ މެނޭޖަރު އަލީ ލަތީފް ވަނީ މީގެ ކުރިން ބުނެފައެވެ.

ރޭ ފުރި ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވާއިރު، ރާއްޖެ އެންމެ ފަހުން ވާދަކުރި ތިން މުބާރާތުގައި ވެސް ޓީމަށް އިރުޝާދު ދީފައިވާ ކޯޗު ސުންޓޮން ފޮސީޓާ ބުނީ އެ މުބާރާތުގައި އެންމެ ބޮޑަށް އިސްކަމެއް ދޭނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށް، އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާ ތަކެއް ހޯދަައިދިނުމަށް ކަމަށެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވަނީ ބޭރުގެ މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ވެސް ނެރެފައެވެ. ރާއްޖޭގެ އިތުރުން ދެން އެ މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ އާއި ހޮންކޮން އާއި ތައިލެންޑް އަދި ސިންގަޕޫރު ހިމެެނެ އެވެ.