ނިއުޒީލެންޑުގައި ހެދި ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓު ރާއްޖެ ގެނައުމަށްފަހު އެ ރެސްޓޯރެންޓު ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިފި އެވެ.

ދިގު މިނުގައި 22.5 މީޓަރު ހުންނަ ރެސްޓޯރަންޓު ރާއްޖެ ގެނައުމަށް ކުރަން ޖެހޭ ދިރާސާތަކާއި ޑިޒައިން މަސައްކަތްތައް ކުރުމަށް އަހަރެއް ހޭދަވި ކަމަށް ލޮޖިސްޓިކްސް އާ ހަވާލާދީ ނިއުޒިލެންޑުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

އެ ރެސްޓޯރަންޓު ގެންނަނީ އަންނަ އޯގަސްޓު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޅ. ހުރަވަޅި ރިސޯޓަށެވެ. އެ ރިސޯޓަކީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ހަދަމުން އަންނަ ރިސޯޓެކެވެ.

ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓު ގެނައި ޅ. ހުރަވަޅި ރިސޯޓުގެ ހިއްސާާދާރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) (މ) އެ މަސައްކަތުގައި ހިމެނޭ މީހުންނާއެކު: ފޮޓޯ/ ކިޔުންތެރިއެއް

ތޭރަ މީޓަރުގެ އުސް ސިޑިއަކާ އެކު ބިނާ ކޮށްފައިވާ ރެސްޓޯރަންޓުގައި ކެއުމަށް އިންސާފު ކުރަމުން ގެންދާ އިރު، ކަނޑުއަޑީގެ ދިރުންތަކާ ހިތްގައިމު މަންޒަރުތައް ފެންނާނެ ކަމަށްވެ އެވެ. އެ ރެސްޓޯރަންޓުން އެއް ފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.

އެއްފަހަރާ 24 މީހުންނަށް ހިދުމަތް ދެވޭ އެ ރެސްޓޯރެންޓަށް ފައިބަން 13 މީޓަރުގެ ފުން ސިޑިއެއް ވަނީ ހަދާފަ އެވެ.

ކުރިއަށް އޮތް ތަނުގައި ކައިވެނި ހަފްލާތަކާއި ހަނީމޫނަށް އަންނަ ފަރާތްތަކަށް ވެސް އެ ރެސްޓޯރަންޓު ހުޅުވާލެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.