03 Mar 2016, 13:03
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގެ މެޗު ކާމިޔާބުކޮށްގެން އެއް ވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް ޓޮޓެންހަމް ވަނީ 0-1ގެ ނަތީޖާ އަކުން ވެސްޓް ހަމް ޔުނުއިޓެޑް އަތުން ބަލިވެފަ އެވެ. އާސެނަލް ވަނީ 1-2ގެ ނަތީޖާ އަކުން ސުވެންސި ސިޓީ އަތުން ބަލިވެފަ އެވެ.
ރޭގެ މެޗުން ބަލިވިޔަސް ޓޮޓެންހަމް އަދިވެސް އޮތީ 54 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގަ އެވެ. އާސެނަލް ލީގުގެ ތިންވަނައިގައި 51 ޕޮއިންޓާއެކީ އޮތްއިރު، ލީގުގެ އެއްވަނައިގައި 57 ޕޮއިންޓާއެކީ އޮތީ ލެސްޓަ ސިޓީއެވެ. އާސެނަލް އަތުން މޮޅުވި ސްވެންސަ ސިޓީ އޮތީ 30 ޕޮއިންޓާއި އެކު 16 ވަނާގައެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ރޭ އާސެނަލް އާއި ސުވެންސާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ވެސްޓްހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ހަތްވަނަ މިނެޓްގައި ޑިމިޓްރީ ޕަޔެޓް ނެގި ކޯނަރަކުން މައިކަލް އެންޓޯނިއޯ ވަނީ އެޓީމަށް މެޗުގެ ލީޑު ނަގާދީފަ އެވެ.
ޓޮޓެންހަމްއަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، މެޗުގެ ދެވަނަ ހާފްގައި އެ ޓީމުން ވެސްޓްހަމްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އެ ހަމަލާތައް ވަނީ ވެސްޓް ހަމްގެ ކީޕަރު ދިފާއު ކޮށްފަ އެވެ.
އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އާސެނަލް ރޭގެ މެޗުން ބަލިވީ އެ ޓީމުން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ސުވެންސާއިން ފަހަތުން އަރައި ދެ ގޯލު ކާމިޔާބު ކޮށްގެންނެވެ.

އިނގިރޭސި ޕްރިމިއަ ލީގްގައި ޓޮޓެންހަމް އާއި ވެސްޓް ހަމް ޔުނުއިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެގޮތުން މެޗުގެ 15 ވަނަ މިނެޓްގައި އާސެނަލްގެ ކެމްޕަބެލް އެ ޓީމަށް ލީޑު ނަގާދީފައި ވަނިކޮށް މެޗުގެ 32 ވަނަ މިނެޓްގައި ވޭން ރައުޓްލެޖް ވަނީ ސްވެންސީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފު ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު، ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ސްވެންސީއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރި ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޭޝްލީ ވިލިއަމްސްއެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗަސްޓާ ޔުނައިޓެޑް ވަނީ 1-0ގެ ނަތީޖާ އަކުން ވެޓްފޯޑް ބަލިކޮށްފަ އެވެ. އެ މެޗުގައި ޔުނައިޓެޑްން ކާމިޔާބު ކުރި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނި ހުއާން މާޓާ އެވެ.