ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކާ ކުރިމަތިވުމުން ކަންތައްތައް އިންތިޒާމުކުރުމުގައި ގައުމީ ފެންވަރެއްގައި ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު( އެންޑީއެމްސީ) އިން ތައްޔާރުވެއްޖެއެވެ.

ޔޫއެންޑީޕީއާއި ޑިޒާސްޓާ މެނޭޖްމެންޓް ގުޅިގެން ކުރިއަށް ގެންދާ އެމަޝްރޫއުގެ އެއްބަސްވުމުގައި އެންޑީއެމްސީއާއި ޔޫއެންޑީޕީން މިއަދު ވަނީ ސޮއިކޮށްފައެވެ. ކޯސްޓްގާޑް ބިލްޑިންގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެންޑީއެމްސީގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރެސިޑެންޓް ރެޕްރެޒެންޓެވިޓް ޝޯކޯ ނޯޑާއެވެ.

ޔޫއެންޑީޕީއާ އެންޑީއެމްސީ ގުޅިގެން ކުރިއަށް ގެންދާ އެ މަޝްރޫއަށް ހަރަދުކުރާނީ ޖަޕާނު ސަރުކާރުގެ ޕާޓްނަޝިޕް ފަންޑުންނެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މަޝްރޫއަކީ 380000 އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކަކީ ކާރިސާތަކަށް އިޖާބަދިނުމުގައި ރަށު ފެންވަރުގައި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް 20 ރަށެއްގައި ހިންގުމާއި އަވަހަށް އިންޒާރު ދިނުމުގެ ނިޒާމުތައް ވަރުގަދަކުރުމާއި ކަމާ ގުޅޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާވާ އިރު މިހާރަށް ވުރެ ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ވަކިން ބޮޑަށް އެބަ ވިސްނަން ޖެހޭ، އަޅުގަނޑުމެން މިބާވަތުގެ މަސައްކަތްތައް ރާވާއިރު އަދި އަޅުގަނޑުމެން ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަމުންދާއިރު މީހުން ސަލާމަތް ކުރުމާއި ރައްކާތެރިކުރުމާއި އަލިފާނުގެ ހާދިސާތަކުން މީހުންނާ ގެދޮރު އަދި މުދާ ހިމާޔަތްކުރުމުގައި އަޅުގަނޑުމެން މަސައްކަތްކުރަމުންދާނެ ގޮތްތަކާ ދޭތެރޭގައި،" އޭނާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުގެ ސަބަބުން ކާރިސާތަކުގައި މީހުންނާއި މުދާ ސަލާމަތް ކުރުމުގެ ދާއިރާއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.