03 Mar 2016, 12:06
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާގެ މަގާމަށް ސައުދުﷲ އަލީ، އިސްލާމިކު ފެކަލްޓީގެ ޑީންގެ މަގާމަށް ޝެއިހު އަލީ ޒާހިރު އަދި ސެންޓާ ފޯ އޯޕެން ލާނިންގު (ކޮލް) ގެ ވެރިޔަކަށް ރާމިޒު އަލީ އައްޔަން ކޮށްފިއެވެ.
މަގާމުތަކަށް އައްޔަނު ކުރެވުނު ބޭފުޅުންނާ ވަޒީފާގެ ލިޔުން ހަވާލު ކުރުމަށް މިއަދު ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފަރާތްތަކާ ލިޔުން ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސަލާ ޑރ.އަލީ ފަވާޒް ޝަރީފު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަގާމުތަކަކަށް އައްޔަނު ކުރެވުނު ބޭފުޅުން ވަނީ، އެ ބޭފުޅުކު ހަވާލުވެގެން ހުންނެވި ސެންޓަރު އަދި ފެކަލްޓީ ތަރައްގީ ކުރާނެ ގޮތާމެދު ގެންގުޅޭ ވިސްނުން ރަސްމިއްޔާތުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާ، އިސްލާމިކު ފެކަލްޓީގެ ޑީން އަދި ކޮލް ގެ ވެރިޔާ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ރަޖިސްޓަރާ ސައުދުﷲ އަލީ ވިދާޅުވީ، ގައުމީ ޔުިނވާސިޓީގެ ތަސައްވުރަކީ މި ސަރަހައްދުގައި ހުރި އެންމެ ރަނގަޅު ހިދުމަތަކާއި ތައުލީމެއް ފޯރުކޮށްދޭ ތަނަކަށް ގައުމީ ޔުނިވާސިޓީ ހެދުން ކަމަށެވެ.
"އަޅުގަނޑުގެ ތަސައްވުރަކީ ދަރިވަރުންނަށް ދޭ ހިދުމަތުގައިވެސް ގައުމީ ޔުނިވާސިޓީ އަކީ ދިވެހިރާއްޖޭގައި ވެސް އަދި މި ރީޖަން ގައިވެސް އެންމެ ރަނގަޅު ހިދުމަތްތަކެއް ދެވޭ ތަނެއްގެ ގޮތުގައި ހެދުން." ރަޖިސްޓަރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަޖިސްޓަރާގެ މަސްއޫލިއްޔަތު ކަމަށްވާ ކޯސްތަކަށް ދަރިވަރުން ވެއްދުމާއި އެކަޑެމިކު ރިކޯޑުތައް ބެލެހެއްޓުން އަދި ދަރިވަރުން ގުރަޖުއޭޓު ކުރުމުގެ މަސައްކަތް، އެންމެ ފުރިހަމަ ގޮތުގައި އަވަސް ކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާ، އިސްލާމިކު ފެކަލްޓީގެ ޑީން އަދި ކޮލް ގެ ވެރިޔާ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކު ފެކަލްޓީގެ ޑީން ޝެއިހު އަލީ ޒާހިރު ވިދާޅުވީ، އިސްލާމިކު ފެކަލްޓީގައި ކިޔަވާ ދަރިވަރުންގެ ކިބައިގައި އިސްލާމު ދީނުގެ އެންމެ ސައްހަ މައުލޫމާތު އަށަގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ.
"އިސްލަމް ދީނާ ދުރު ހިޔާލާ ފިކުރު ތަކުން މީސްތަކުން ސަލާމަތް ކުރުމަކީ ގައުމީ ޔުނިވާސިޓީގައި ހުރި ފެކަލްޓީ އޮފް އިސްލާމިކު ސްޓަޑީސް ގެ ވަރަށް ބޮޑު ވާޖިބެއް ކަމުގައި ގަބޫލު ކުރެވޭތީ އެ މަސައްކަތް ވަރަށް ބާރަށް އަޅުގަނޑުމެން އެބަ ކުރަން،" ޝެއިހު އަލީ ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަވަސް މުސަތްގުބަލެއްގައި ގައުމީ ޔުނިވާސިޓީގެ އިސްލާމިކު ފެކަލްޓީގައި ޕީއެޗްޑީ ޕްރޮގުރާމްވެސް ފެށިގެން ދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާ، އިސްލާމިކު ފެކަލްޓީގެ ޑީން އަދި ކޮލް ގެ ވެރިޔާ އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލްގެ ވެރިޔާ ރާމިޒު އަލީ ވިދާޅުވީ، އެ ސެންޓަރުގެ މިސްރާބު ބަދަލު ކުރުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ.
"ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ދެކޭ ގޮތުގައި ކޮލް ވާނީ ޔުނިވާސީޓީގެ ދުވެލި މެކުހަށް ޖަހާނެ މައި އިންޖީނަށް...އުނގެނުމާއި އުނގަންނައި ދިނުމާ ސްމާޓު ޓެކްނޮލޮޖީ އާ ދޯޅު ތަނަކަށް...ކޯސްތަކަށް ބޭނުންވާ އިންސްޓުރަކްޝަނަލް ޑިޒައިނިންގު ގެ ހުރިހާ މަސައްކަތެއް ކުރުމުގެ މައި ޖަގަހައަށް،" ރާމިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޔުނިވާސިޓީގައި ބުލޮކު މޯޑަށް ހިންގާ ހުރިހާ ކޯސްތަކުގައި ޓެކްނޮލޮޖީ އެނޭބަލް ޓީޗިންގު އެންޑު ލާނިންގު ކޮމްޕޯނެންޓެއް ހިމެނެނެން ޖެހޭނެ ކަމަށެވެ. އަދި އޭގެ ފަންނީ މަސައްކަތް ކޮލްގެ ތެރެއިން ކުރެވެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރާމިޒު ވިދާޅުވިއެވެ.
ހަމައެހެންމެ، ކޮލްގެ މެންޑޭޓު ބަދަލުކޮށް، ކޮލް ގެ ނަމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށްވެސް ރާމިޒު ވިދާޅުވިއެވެ.