03 Mar 2016, 11:17
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އއ. ތޮއްޑޫ މީހަކަށް ގެއެއް ރެޖިސްޓްރީކޮށްދިން މައްސަލާގައި އއ. އަތޮޅުގެ ކުރީގެ ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އއ. އަތޮޅު ކައުންސިލަރެއްގެ ގޮތުގައި 2010 ވަނަ އަހަރު ހުރި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މަަރުވެފައިވާ މީހަކު އޭނާ މަރުވުމުގެ ކުރިން އެއްވެސް މީހެއްގެ މައްޗަށް ރެޖިސްޓްރީނުކޮށް އޮތް ގޯއްޗެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ތޮއްޑޫ މީހަކަށް ރެޖިސްޓްރީ ކޮށްދީފައި ވާތީ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ނިންމި ރިޕޯޓުގައި ބުނެފައި ވަނީ އެ މީހާ ނިޔާވުމަށްފަހު އއ. ތޮއްޑޫ ގައި އެމީހާ ބެލި މީހާއަށް މަރުވި މީހާގެ މުދަލާއި ގޯތި ދީފައިވާ ކަމަށް ބުނެ 2001 ވަނަ އަހަރު ލިޔުމަކުން ދީފައިވީ ނަމަވެސް އެލިޔުމަކީ ރެޖިސްޓްރީ ނުކޮށް ދީފައިވާ ލިޔުމެއްކަން އެނގޭ ކަމަށެވެ.
އޭރު ތޮއްޑޫ މީހަކަށް ގެ ރެޖިސްޓްރީކޮށްދިނީ އެގޭގެ ވާރިސުން ތިބިތޯ ނުވަތަ ނެތްތޯވެސް އެއްވެސް ޝަރުއީ ކޯޓެއް މެދުވެރިކޮށް ބެލުމެއް ނެތި ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ. އަދި ވާރިސުންތިބިތޯ ބެލުމަށް އިއުލާނު ކުރިކަމަށް ބުނި ނަމަވެސް އެކަން ކުރިކަން އެނގޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށް އޭސީސީ ބުންޏެވެ.
ގޯތި ތޮއްޑޫ މީހާއަށް ރެޖިސްޓްރީކޮށްދިން އިރު އެމީހާގެ ބައްޕަގެ ތަރިކައިން 2628 އަކަފޫޓުގެ ގޯޗެއް އެމީހާއަށް ލިބިފައިވާ ކަމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކުން އެނގެން އޮންނަ ކަމަށާއި އެއީވެސް ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީއިން ބުނެ އެވެ. އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.