03 Mar 2016, 11:04
ޔޫއެން (މާޗް 2): މިދިޔަ މަހު އުތުރު ކޮރެއާއިން ހަތަރު ވަނަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެކުވެރި ދައުލަތް (އދ)ގެ ސެކިއުރިޓީ ކައުންސިލުން ނިންމައިފި އެވެ.
އެމެރިކާ އާއި ޗައިނާ ހިމެނޭ ފަނަރަ މެމްބަރު ގައުމުގެ ސެކިއުރިޓީ ކައުންސިލުން އުތުރު ކޮރެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމީ ހުރިހާ މެމްބަރުންގެ ތާއިދާއެކު އެވެ.
އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި، އެ ގައުމުން ބޭރުކުރާ އަދި އެތެރެކުރާ ހުރިހާ މުދާ އެހެން ގައުމުތަކުގެ އެއާޕޯޓުތަކުން ބަލާ ފާސްކުރުމާއި، އެގައުމަށް ބައެއް ހަތިޔާރު ވިއްކުން މަނާކުރުން ހިމެނެ އެވެ. މީގެ އިތުރުން، ބޭރު ގައުމުތަކުގައި ތިބެގެން "ގާނޫނާ ހިލާފު އަމަލުތައް ކުރާ" އުތުރު ކޮރެއާގެ ސަފީރުން އެ ގައުމުތަކުން ބޭރުކުރުންވެސް ހިމެނެ އެވެ.
އދ އިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށެވެ. ސަބަބަކީ، އުތުރު ކޮރެއާގެ އަވަށްޓެރި ޗައިނާ އިން ވަނީ ކޮރެއާގެ ހަމަޖެހުމަށް ގެއްލުންވާފަދަ ނުވަތަ އިގުތިސާދު ފުޑުފުޑުވެދާނެ ފަދަ ފިޔަވަޅުތައް އެޅުމަށް ދެކޮޅު ހަދާފަ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އދ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އެއް އަޑަކުން ވާހަކަދައްކާ، އުތުރު ކޮރެއާއަށް މެސެޖެއް ފޮނުވާފަ: އުތުރު ކޮރެއާއިން މިހާރު ކުރިއަށް ގެންދާ ނުރައްކާތެރި ޕްރޮގްރާމްތައް ހުއްޓާލާ އެގައުމުގެ ރައްޔިތުންނަށް ރަނގަޅު ކުރިމަގެއް ހޯދަ ދޭން ޖެހޭ،" ރައީސް އޮބާމާ ވިދާޅުވި އެވެ. (އޭޕީ)