03 Mar 2016, 11:20
އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިފް (ސޯބެ) "ސަން"އަށް މިއަދު ވިދާޅުވީ ރޭ ދިހައެއް ޖަހާކަށްހާއިރު އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި މަގުތަކުގައި ވެސް ފެން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޯކޮށް ވާރޭ ވެހެން ފެށީ ފަތިސް ގަޑީގައި. ދެން މިހާރު މެޓު އޮފީހުން ވަނީ ޔެލޯ އެލާޓު ވެސް ނެރެފައި،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ރޭ ފަތިހު ވާރޭ ވެހުމުން މަގެއްގައި ފެން ބޮޑުވެފައި: ފޮޓޯ/ ކިޔުންތެރިއެއް
ސޯބެ ވިދާޅުވީ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ސުކޫލުތަކުގެ ކިޔެވުން ވެސް މިއަދު ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ސޯބެ ވިދާޅުވީ އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ އައްޑޫ ސިޓީ ހިތަދޫއާ ފޭދޫގައި ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:45 އިން ފެށިގެން މިއަދު މެންދުރު 11:45 އަށެވެ. އެއީ އެ އަތޮޅުތަކަށް އެންމެ ބޯކޮށް ވާރޭވެނޭނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށް ވެސް އެކަމުގެ އަސަރުކޮށްފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.