(29 ފެބްރުއަރީގެ އަދަދާ ގުޅޭ)

މަޚްޒޫމްވަންހައިގެ މީހުންأبو طالبގެފާނުގެ ވާހަކަފުޅު ޤަބޫލެއް ނުކުރިއެވެ.عبد اللّـهއެމީހުންނަށް ދޫކޮށްނުލައްވައިގެންأبو طالبގެފާނާ ޒުވާބުކުރަމުން ގެންދިޔައެވެ. އެމަންޒަރު ފެނުމުން،أبو لهبގެ ގާތަށް ރުޅިއަތުވެއްޖެއެވެ. އޭނާގެ އަޚާގެ ޙިމާޔަތުގައި މަޚްޒޫމުވަންހައިގެ މީހުންނާ ދިމާޔަށް ބުންޏެވެ.

"މަޚްޒޫމްވަންހައިގެ އަޚުންނޭވެ! ތިޔަބައިމީހުންأبو طالبއާ ތިޔަކުރާ ޒުވާބު ހުއްޓައެއްނުލީމުއެވެ.أبو طالبއަކީ ތިޔަބައިމީހުންގެ ނޯކަރެއްނޫނެވެ. އޭނާ ބޭނުންފުޅު މީހަކަށް ޙިމާޔަތްދެއްވުމަކީ އޭނާގެ ޙައްޤެކެވެ. އޭނާގެ ޢަހްދު އުވައިލެއްވުމަކަށް ތިޔަބައިމީހުންނަކަށް އޭނާއަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ތިޔަބައިމީހުން އޭނާއަށް އުނދަގޫކުރުން ހުއްޓައިނުލައިފިނަމަ އަހަރެންވެސް އޭނާއާ އެއްބައިވެ، ތިޔަބައިމީހުންނާ ދިމާކުރާނަމެވެ."

أبو لهبއަކީ މުޝްރިކުންގެ ކަނާތެވެ. މުޝްރިކުންގެ ބާރުހުރި އެކުވެރިއެކެވެ. އެހެންކަމުން، އޭނާ ރުޅިއަތުވެއްޖެކަން އެނގުމާއެކު، މަޚްޒޫމްވަންހައިގެ މީހުން އެބައިމީހުންގެ ހުށަހެޅުން ވަގުތުން އަނބުރާ ގެންގޮސްފިއެވެ. އެބައިމީހުން ބުންޏެވެ. "އޭأبو عتبةއެވެ. ކަލޭގެފާނު ނުޤަބޫލުފުޅު ވާނެކަމެއް އަޅުގަނޑުމެން އެއްގޮތަކަށްވެސް ނުކުރާނޫއެވެ."

ޙަބަޝާގެ ދެވަނަ ހިޖްރަ

މި ޙާދިޘާއަށްފަހު މުސްލިމުންގެ މައްޗަށް ޤުރައިޝުންގެ އަނިޔާވެރިކަން އިހުނަށްވުރެ އެތައްގުނައެއް އިތުރުކޮށްފިއެވެ. އެހެންކަމުން، އިތުރު ސާހިބާصلّى اللّـه عليه وسلّمއަނެއްކާވެސް ޙަބަޝާއަށް އެނބުރި ވަޑައިގަތުމަށް ޞަޙާބީންނަށް ލަފާދެއްވިއެވެ. ނަތީޖާއެއްގެގޮތުން ބިޢުޘަތުގެ ހަވަނަ އަހަރު ޞަޙާބީން ޙަބަޝާއަށް ދެވަނަ ހިޖުރަކުރެއްވިއެވެ. އެފަހަރު މުހާޖިރުންގެ ޖަމާޢަތުގައި އައްޑިހަތިން ޞަޙާބީންނާއި އަށާރަ ނުވަތަ ނަވާރަ ޞަޙާބިއްޔާއިން ބައިވެރިވެވަޑައިގެންނެވިއެވެ. މުސްލިމުން ޙަބަޝާއަށްކުރި އެންމެ ފުރަތަމަ ހިޖްރަޔަށްފަހު މުޝްރިކުން ތިބީ އެފަދަ ދެވަނަ ޙާދިޘާއެއް ހިނގިޔަނުދޭން ވަރަށްބޮޑަށް ސަމާލުވެ ހުޝިޔާރުވެގެންނެވެ. ނަމަވެސް މާތްاللّـهގެ ޙިމާޔަތާއި ރައްކާތެރިކަމާއެކު މުހާޖިރުންގެ އެޤާފިލާވެސް ޙަބަޝާއަށް ވަޑައިގަތުމުގައި ކާމިޔާބު ހޯއްދެވިއެވެ. އެ ޤާފިލާގައިވެސްالسّيّدة هند بنت أبى أميّةއާއިعبد اللّـه بن عبد الأسدއާ ދެމަފިރިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެ ދެމަފިރިކަނބަލުން ޙަބަޝާއަށް ކުރެއްވި ދެވަނަ ހިޖްރައެވެ.

މުސްލިމުން އަމާންކަމާއެކު ހަމަޖެހިލައިގެން ޙަބަޝާގައި ދިރިއުޅޭންފެށުމުން އެކަންވެސްވީ މައްކާގެ މުޝްރިކުން ވަރަށްބޮޑަށް މޭކަރާ ކަމެއްކަމުގައެވެ. މުޝްރިކުން މަސައްކަތްފެށީ ވެވުނު ކޮންމެ ގޮތަކުން ނަމަވެސް މުސްލިމުން އަނބުރާ މައްކާއަށް ގެނެސް މުސްލިމުންނަށް އަދަބު ދިނުމަށެވެ. މުޝްރިކުންގެ ބޮޑުން ދާރުއްނަދުވާއަށް އެއްވެ ސައްލާކުރުމަށްފަހު ޙަބަޝާއަށް ވަފުދެއް ފޮނުވިއެވެ. ޙަބަޝާގެ ރަސްގެފާނަށާއި ބޮޑުންނަށް ބަހާން އަގުހުރި ހަދިޔާތަކާއެކުގައެވެ. އެ ވަފުދުގެ އިސްމީހަކަށް ހަމަޖެއްސީ ޢަރަބީންގެ އަރާހުރި މުދައްބިރެއްކަމުގައިވާعمرو بن العاصއެވެ. އޭނާގެ އެހީތެރިޔަކަށް ފޮނުވީعبد اللّـه بن أبى ربيعةއެވެ. (ބައެއް ރިވާޔަތްތަކުގައިވާގޮތުންعمّارة بن الوليدއެވެ.)عمرو بن العاصޙަބަޝާއަށް ވަޑައިގެން ރަސްކަމުގެ ބޮޑުންނާ ބައްދަލުކުރައްވައި ހަދިޔާބަދިޔާ ދެއްވައި އެ ވަފުދުގެ ބޭނުން ބަޔާންކުރެއްވިއެވެ. ޙަބަޝާގެ ބޮޑުން މައްކާގެ ވަފުދަށް ފުރިހަމަޔަށް ތާއީދުކުރާނެކަމުގެ ޔަޤީންކަން ދިނެވެ.

މައްކާގެ ވަފުދު ދެން މިސްރާބުޖެހީ ނަޖާޝީގެ ދަރުބާރަށެވެ. ދަރުބާރުގެ އަދަބުތައް އަދާކުރުމަށްފަހު ނަޖާޝީގެ އަރިހަށް އަގުހުރި ހަދިޔާތައް ވެދުންކުރިއެވެ. އެއަށްފަހު ދެންނެވިއެވެ.

"މާތްވެގެންވާ ރަސްގެފާނެވެ! މަނިކުފާނުގެ ނަސީބުފުޅު ރަނގަޅުކުރައްވާށިއެވެ! މަނިކުފާނުގެ ހިޔާވަހިކަން މިކަރައިގެ މައްޗަށް އަބަދަށް ދަމަހައްޓަވާށިއެވެ! އަޅުގަނޑުމެން މަނިކުފާނުގެ ސަމާލުކަމަށް ގެންނަން ބޭނުންވެގެން މިއައީ، އަޅުގަނޑުމެންގެ ޤައުމުން ފިލައިގެން މިރަށަށް އައިސްއުޅޭ ވިޔާނުދާ ޒުވާނުންތަކެއްގެ މައްސަލައެވެ. މަނިކުފާނުގެ އޯގާވެރި ހިޔާވަހިކަމުގެ ދަށުގައި އެބައިމީހުން ވަރަށް ހަމަޖެހިލައިގެން މިރަށުގައި ދިރިއުޅެމުން އެބަގެންދެއެވެ. އެބައިމީހުންނަކީ އެގޮތަށް މިކަރައިގައި ބައިތިއްބަވަން އެކަށީގެންވާ ބައެއް ނޫނެވެ. އެބައިމީހުންނަކީ ނިރުބަވެރި ބައެކެވެ. އެމީހުން ފިލައިގެން މިކަރަޔަށްއައީ މައްކާގެ އެކި ޢާއިލާތައް ވަކިވަކީން ފަސާދަކޮށްފައެވެ. ބައްޕައާއި ދަރިފުޅާ ދޭތެރެޖައްސައި ދެ އަޚުން ރުޅިކުރުވައިފައެވެ. ރަށް ގަޑުބަޑުކޮށްފައެވެ. އެއްބަޔަކު އަނެއްބަޔަކާ އަރާރުންކުރުވައި ދެކޮޅުވެރިކަން އުފައްދައިފައެވެ. އެބައިމީހުންނަކީ އާވައްތަރެއްގެ ދީނެއްވެސް އުފައްދައިގެންއުޅޭ ބައެކެވެ. އެބައިމީހުންނަކަށް މަނިކުފާނުގެ ދީނެއްވެސް ކަމަކުނުދިޔައެވެ. އަޅުގަނޑުމެން އެބައިމީހުން އިޞްލާޙުކޮށް ހަމަމަގަށް އަޅުވާން މަސައްކަތް ފެށުމުން ފިލައިގެން މިކަރަޔަށް އައީއެވެ. އެހެންކަމުން ރަނގަޅުވާނީ މަނިކުފާނު އެބައިމީހުން އަޅުގަނޑުމެންނާ ޙަވާލުކުރެއްވުމެވެ. އެބައިމީހުނާ ކުރިމަތިލާނެގޮތް އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންނަށެވެ. މަނިކުފާނު އެހެން ނަހައްދަވައިފިނަމަ އެބައިމީހުން މިތަންވެސް ފަސާދަކޮށްފާނެއެވެ. މިތާނގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ނަގައިލައިފާނެއެވެ."

ނަޖާޝީ ޤުރައިޝުންގެ މަންދޫބުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އޭނާގެ ބޮޑުންނާ ދިމާޔަށް ސުވާލުގެ ނަޒަރަކުން ބައްލަވައިލެއްވިއެވެ. އެމީހުން އިސްދަށަށް ޖަހައިލައިގެން އަދަބުވެރިކަމާއެކު ތިބެފައި އިސްއުފުލައިލުމަށްފަހު ދެންނެވިއެވެ.

"މާތް ސާހިބާއެވެ. މިބައިމީހުން އެދަންނަވަނީ ރަނގަޅު ވާހަކައެކެވެ. މިކަމަކީ އެބައިމީހުންގެ ދާޚިލީ މައްސަލައެކެވެ. އެހެންކަމުން ރަނގަޅުވާނީ އަޅުގަނޑުމެން އެމައްސަލައިގެ ތެރެއަށް ނުވަނުމެވެ. މައްކާގެ މުހާޖިރުން މައްކާއިން އައި ވަފުދާ ކުރެއްވުމެވެ."

ނަޖާޝީއަކީ ވަރަށް ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ. ދުރުވިސްނިވަޑައިގަންނަވާ މުދައްބިރެކެވެ. އެހެންކަމުން ވިދާޅުވިއެވެ. "އަހަރެން ތިޔަކަމާމެދު ގޮތެއް ނިންމާނީ ދެފަރާތުގެ ވާހަކަވެސް އަޑުއެހުމަށްފަހުގައެވެ. އަހަރެންގެ ޙިމާޔަތް އެދިގެން އައިސްތިބި ބަޔަކު، ކަމުގެ އެކޮޅުމިކޮޅު ބެލުމެއްނެތި ތިޔަގޮތަކަށް ފޮނުވައެއް ނުލެވޭނެއެވެ. ވެރިކަމުގެ ޙައްޤަކީ ކަންކަން ރަނގަޅަށް ބަލައި ޙަޤީޤަތް ހޯދައިގެން އިންސާފުން ކަންތައް ކުރުމެވެ. މިބައިމީހުން އަހަރެންގެ މެހްމާނުސަރާއަށް ގެންގޮސް ކަމޭހިތުމާއެކު ބައިތިއްބާށެވެ. އެއަށްފަހު ތިޔަ އައިސްގެންއުޅޭ ބަޔަކު ހޯދައިގެން މިދަރުބާރަށް ގެންނާށެވެ!"

މުސްލިމުންނަށް މި ޚަބަރު ލިބުމުން އެންމެން އެއްތަނަކަށް އެއްވެ މައްސަލައާ ބެހޭގޮތުން ސިންތާކުރިއެވެ. މުސްލިމުން ހަމަޖެއްސީ އެއުރެންގެ ފަރާތުން ނަޖާޝީގެ ދަރުބާރުގައި ވާހަކަ ދައްކަވާނީجعفر بن أبى طالب رضى اللّـه عنــهއާއި،عثمان بن عفّان رضى اللّـه عنــهކަމުގައެވެ.

މުސްލިމުން ނަޖާޝީގެ ދަރުބާރަށް ހާޒިރުވެ ރަސްގެފާނަށް ސަލާމް ދެންނެވުމަށްފަހު އިށީނދެއްޖައޫއެވެ.عمرو بن العاصއޭނާގެ އެންމެފުރަތަމަ ތީރު ދޫކޮށްލެއްވިއެވެ. އޭނާ ނަޖާޝީއަށް ދެންނެވިއެވެ. "މާތްވެގެންވާ ރަސްގެފާނެވެ! މިބައިމީހުންގެ ހުރި ހަރުކަށިކަމާއި އަދަބުކުޑަކަން ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. މިދަރުބާރުގެ އަދަބުތަކަކަށްވެސް ޙުރުމަތެއް ނުބެހެއްޓިއެއް ނޫންތޯއެވެ؟ ޝާހީ އާދަކާދަ ލާޒިމުކުރާގޮތުން މިދަރުބާރަށް ވަންނަ ކޮންމެ ބަޔަކު ތިޔަ ސާހިބާއަށް އަދަބު އިޙްތިރާމުގެ ސަޖިދަކުރަން ޖެހޭނެއެވެ."

ނަޖާޝީ މުސްލިމުންނާ ސުވާލުކުރެއްވިއެވެ. ދަރުބާރުގެ އަދަބުތަކާއި އާދަކާދައަށް ފަރުވާލެއް ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟جعفر بن أبى طالب رضى اللّـه عنــهވަގުތުން ޖަވާބު ދެއްވިއެވެ.

"މާތްވެގެންވާ ރަސްގެފާނެވެ! އަޅުގަނޑުމެން ސަޖިދަކުރަނީ ހަމައެކަނިاللّـه سبحانه وتعالىއަށެވެ. މަޚްލޫޤުންނަށް ސަޖިދަކުރުން އަޅުގަނޑުމެންނަށްވަނީ ނަހީކުރައްވައިފައެވެ. އަޅުގަނޑުމެންގެ ނަބިއްޔާ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވައިފައިވާގޮތުގައިاللّـهފިޔަވައި އެހެންފަރާތަކަށް ސަޖިދަކުރުމަކީ ޝަރީކު ކުރުމެވެ."

ނަޖާޝީ ވިދާޅުވިއެވެ. "އަހަންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ތިޔަބައިމީހުންވަނީ އާދަޔާ ޚިލާފު އައުދީނެއް އުފައްދައިފައެވެ."

جعفر بن أبى طالب رضى اللّـه عنــهނުހަނު ތަފްޞީލުކޮށް އޮޅުންފިލުއްވައިދެއްވައި، ޖަވާބު ދެއްވިއެވެ.

"މާތްވެގެންވާ ރަސްގެފާނެވެ! އަޅުގަނޑުމެންނަކީ ޖާހިލް ޤައުމެއްގެ ބަޔަކީމުއެވެ. ބުދަށް އަޅުކަންކުރާ ބަޔަކީމުއެވެ. މުޅަތަކެތިކައި ރާބޮއި އުޅޭބަޔަކީމުއެވެ. ލަދުހުތުރު ކަންތައްތަކަށް ފާޅުގައި އަރައިގަންނަ ބަޔަކީމުއެވެ. އެކަކުއަނެކެއްގެ ލެޔަށް ފެންބޮވައިގެންފައިތިބޭ ބަޔަކީމުއެވެ. ކުދިކުދި ކަންތަކާވެސް ތަޅާފޮޅައި އަރާރުންވެ ދެކޮޅުވެރިކަން އުފެއްދުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ގާތްތިމާގެކަމުގެ ޙައްޤުތަކަކީ އަޅުގަނޑުމެން ހަނދާންހުންނަ ކަންކަމެއް ނޫނެވެ. އަވައްޓެރީންގެ ޙައްޤުތަކަކަށް ފަރުވާލެއް ނުބަހައްޓަމުއެވެ. އަޅުގަނޑުމެންގެ ތެރެއިން އާރާއިބާރާއި ނުފޫޒު ހުންނަ މީހުން ނިކަމެތީންނަށް ކަށިހަފައި ކައިފާވަރަށް އަނިޔާކުރެއެވެ. އަޅުގަނޑުމެން އުޅެއުޅެތިބީ ޖަނަވާރުތަކެއްގެ ބީދައިންނެވެ. އަޅުގަނޑުމެން އެގޮތުގައި ތިއްބައި އަރަހުށި މާތްاللّـه سبحانه وتعالىއަޅުގަނޑުމެންނާމެދު ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައިވޮޑިގެން އަޅުގަނޑުމެން ގާތަށް އަޅުގަނޑުމެންގެ ތެރެއިން ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެހެނިހެން އުންމަތްތަކަށްވެސް އެއުރެންގެ ތެރެއިން ރަސޫލުން ފޮނުއްވި ފަދައިންނެވެ. އެކަލޭގެފާނަކީ އަޅުގަނޑުމެން އެންމެން ދަންނަ މާތް ޢާއިލާއެއްގެ މެމްބަރެކެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނަތްތެރިކަމާއި، ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަމަށް އަޅުގަނޑުމެންގެ ޤައުމުގެ އެންމެން އިޢުތިރާފުވެއެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް ދަޢުވަތުދެއްވީ، ހަމައެކަނި އެއްކައުވަންތަاللّـهއަށް އަޅުކަންކުރުމަށެވެ. އަބަދުވެސް ތެދުބަހުން ވާހަކަދެއްކުމަށެވެ. އަމާނާތް އަދާކުރުމަށެވެ. ގާތްތިމާގެ މީހުނަށް ހެޔޮކޮށްހިތުމަށެވެ. އަވައްޓެރީންނަށް ކަމޭހިތުމަށެވެ. ޙަރާމް އެއްޗެއްސާއި ކަންކަމާ ދުރުހެލިވުމަށެވެ. ލަދުހުތުރު ކަންކަމަށް އަރައިގަތުމާއި، ދޮގުހެދުމާއި، ޔަތީމުންގެ މުދާކެއުން އަޅުގަނޑުމެންނަށް މަނާކުރެއްވިއެވެ. ޢިއްފަތްތެރި އަންހެނުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުންވެސް މަނާކުރެއްވިއެވެ. އަޅުގަނޑުމެންނަށް އަމުރުކުރެއްވީ އެއްކައުވަންތަاللّـهއަށް އަޅުކަންކުރުމަށެވެ. އެކަލާނގެއަށް އެއްވެސް ސިފައެއްގައި ޝަރީކު ނުކުރުމަށެވެ. އަޅުގަނޑުމެން އެކަލޭގެފާނުގެ ބަސްފުޅު ތެދުކޮށް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރާން ފަށައިފީމުއެވެ. ބަލަބަލައިތިއްބައި އަޅުގަނޑުމެން މުޅީން އެހެންބަޔަކަށް ބަދަލުވެއްޖެއެވެ. ހެޔޮލަފާ ރަނގަޅުބަޔަކަށް ބަދަލުވެއްޖެއެވެ.

(ނުނިމޭ)