އިނގިރޭސި ޕްރިމިއާ ލީގްގައި 3-0ގެ ނަތީޖާ އަކުން މެންޗަސްޓާ ސިޓީ ބަލިކުރެވުމުން އެއީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ދިން ރަނގަޅު ހަދިޔާއެއް ކަމަށް އެ ޓީމްގެ ކޯޗު ޔޫގެން ކްލޮޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ މެޗުގައި ފެނިގެން ދިޔައީ އޭނާ އެންމެ ބަލަން ބޭނުންވި މަނަޒަރު ކަމަށާއި ސިޓީގެ ފަރާތުން ރަނގަޅު ބަދަލެއް ހިފެއްޖި ކަމަށެވެ.

"އަހަރެންނަށް ހީވަނީ މިއީ ލިވަޕޫލްގެ ފަރާތުން މި ސީޒަނުގައި ފެނުނު އެންމެ މޮޅު ކުޅުން ހެން. ސިޓީ އަކަށް އެއްވެސް ފުރުސަތެއް ނުލިބޭ ކުޅޭކަށް. ލިވަޕޫލް އިން ކުޅުނީ ވަރަށް އޯގަނައިޒިން ގޭމެއް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލް އާއި ސިޓީ ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ޖޭމްސް މިލްނާގެ ގޯލަށްފަހު އެ ޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ލިވަޕޫލް މި މެޗުން މޮޅުވިއިރު، ސިޓީން ވަނީ އާދީއްތަ ދުވަހު އިނގިރޭސި ލީގުކަޕްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް ލީގްކަޕް އުފުލާލާފަ އެވެ.

ކްލޮޕް ބުނީ ރޭގެ މޮޅާއި އެކު ލިވަޕޫލްގެ ހުރިހާ ސަޕޯޓަރުން ވެސް އުފާވާނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗުތަކުން މޮޅުވާން މަސަތްކަތެއް ކުރާނެ ކަމަށެވެ.

ލިވަޕޫލްގެ އެންފިލްޑްގައި ރޭކުޅުނު އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ލިވަޕޫލް އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. އެއީ އެޑަމް ލަލާނާ އާއި ޖޭމްސް މިލްނާ ކާމިޔާބްކޮށްދިން ދެ ގޯލެވެ.

ލިވަޕޫލް އާއި ސިޓީ ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ ޖޭމްސް މިލްނާގެ ގޯލަށްފަހު އެ ޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ސިޓީގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާ އިރު ދެވަނަ ހާފްގެ ކުރީކޮޅު ރޮބާޓޯ ފަމީނިއޯ ވަނީ ލިވަޕޫލްއަށް ގޯލެއް ކާމިޔާބް ކޮށްދީ އެ ޓީމްގެ ލީޑު އިތުރަށް ފުޅާ ކޮށްދީފަ އެވެ.

އެ މޮޅާއެކީ ލިވަޕޫލް އޮތީ، 41 ޕޮއިންޓާއެކީ ލީގުގެ އަށްވަނައިގަ އެވެ. ސިޓީ އޮތީ 47 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި 57 ޕޮއިންޓާއެކީ އޮތީ، ލެސްޓަ ސިޓީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ބަލިވުމުން ބަހަނާތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގްގައި ކުޅެ ލީގް ކަޕްގެ ފައިނަލްގައި ކުޅުމުން ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައި ކަމަށެވެ.

"ވޭތުވެ ދިޔަ ދެ ދުވަހުގައި ކުޅުންތެރިން ތަމްރީންތައް ވެސް ހެދީ ވަރަށް ކުޑަކޮށް. އެއީ ކުޅުންތެރިންނަށް ރިކަވާވުމަށް ފުރުސަތު ދިނުމަށް. އެހްނެކަމުން އެ މެޗުގައި ކުޅުންތެރިންގެ ފަރާތުން އެހާ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔައީ،" ޕެލިގްރިނީ ބުންޏެވެ.

އެ މެޗުން ބަލިވުމުން ލީގު ހޯދުމަށް ސިޓީން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.