ވޮޝިންޓަން (މާޗް 3): އެމެރިކާ ސިފައިންނާ ގުޅޭ ހައްސާސީ މައުލޫމާތުތައް ޑިޖިޓަލް ޓެކްނޮލޮޖީގެ ޑިވައިސްތައް ބޭނުންކޮށްގެން ހޯދުމުގެ ގާބިލްކަން ރަޝިޔާއަށް ލިބިފައިވާ ކަމަށާއި މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އެމެރިކާގެ އަސްކަރީ ޖާސޫސީކަންކަމާ ބެހޭ އިސްވެރިޔާ ޖެނެރަލް ވިނެސެންޓް ސްޓީވާޓް ވިދާޅުވެއްޖެ އެވެ.

ސެނެޓްގެ ޖާސޫސީ ކަންކަމާ ބެހޭ ސަބްކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ސްޓީވާޓް ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގައި ރަޝިޔާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށާ އިލެކްޓްރޯނިކްކޮށް ޖާސޫސުކުރަން ރަޝިޔާ ބޭނުންކުރާ ޓޫ 154 މަރުކާގެ މަތިންދާ ބޯޓުތަކުގައި ވެސް މިބާވަތުގެ ޑިވައިސްތައް ހުރިކަމުގަ އެވެ. އަނެއްކޮޅުން ސެނެޓްގެ އެހެން ސަބް ކޮމިޓީއެއް ކަމަށްވާ ދިފާއީ ކަންތައްތަކާބެހޭ ސަބް ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން، ޔޫރަޕްގައި ހުންނަވާ އެމެރިކާގެ އިސް ކޮމާންޑަރު ޖެނެރަލް ފިލިޕް ބްރިޑްލާވް ވަނީ ރަޝިޔާގެ އަސްކަރީ ހަރަކާތްތަކާ ކުރިލެވޭވަރުގެ ހަތިޔާރާއި ލަޝްކަރުތަކާ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ޔޫރަޕްގައި އެމެރިކާއަށް ގާއިމް ކުރެވިފައި ނެތްކަމަށް ވިދާޅުވެފައެވެ.

ބްރިޑްވާލް ވިދާޅުވީ ރަޝިޔާއަކީ އަސްކަރީ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ އަސްކަރީ ބޮޑުބާރެއް ކަމަށާއި މިވަރުގެ ބޮޑު ބާރަކާ ކުރިމަތިލުމުގެ ބަދަލުގައި ސުލްހަވުމަށް އެމެރިކާ ގެންގުޅުނު ސިޔާސަތުތައް ކާމިޔާބު ވެފައިނުވާ ކަމުގައެވެ. ރަޝިޔާއިން ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި އަސްކަރީ ހަތިޔާރާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. ސޫރިޔާގެ ހަނގުރާމަ ރަޝިޔާ ބޭނުން ކުރަމުން ގެންދަނީ އެ ގައުމުން އުފައްދާފައިވާ އެންމެ ފަހުގެ ހަތިޔާރުތަކުގެ ފެންވަރު ބެލުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

(ނޫސްއެޖެންސީތައް)