03 Mar 2016, 09:34
ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެތީ ޔެލޯ އެލާޓް ނެރެފި އެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:45 އިން ފެށިގެން މިއަދު މެންދުރު 11:45 އަށެވެ. އެއީ އެ އަތޮޅުތަކަށް އެންމެ ބޯކޮށް ވާރޭވެނޭނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކެވެ.
ލަފާކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް މޫސުން ގޯސްވާނަމަ ނުވަތަ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާ ގަޑީގެ ފަހުން ވެސް މޫސުން ރަނގަޅު ނުވާނަމަ، ކަމާ ބެހޭ އިދާރާއަކުން އިތުރު މައުލޫމާތު ދޭނެ ކަމަށް ނޭޝަނަލް މީޓިއޮރޮލިޖަލް ސެންޓަރުން ވަނީ ބުނެފަ އެވެ.