މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ބޭނުންކޮށްގެން 39 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ މީހަކު އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކޮށްގެން ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖިނާއީ ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރަށް ޖަލަށްލާފައިވާ މ. ބަދުރު، އަބްދުﷲ ރަޝާދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާއަކީ މިދިއަ ފެބްރުއަރީ 12 ވަނަ ދުވަހު ފުލުހުންނަށް އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު އޭނާގެ މުށުތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ފެނުނު މައްސަލައެއްގައި ކަމަށެވެ. ރަޝާދުގެ މައްޗަށް ދައުވާ ކުރަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ކުށުގަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ޕީޖީން އެ ދައުވާ އުފުލުމާއި ގުޅިގެ ރަޝާދުގެ ކުށުގެ ރިކޯޑު ސާފުކުރިއިރު އޭނާ އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައި 1998 ވަނަ އަހަރު އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އަދި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި އަތުގައި ބެހެއްޓުމުގެ ކުށުގައި 2009 ވަނަ އަހަރު 12 އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ މީހެއް ކަމަށްވެސް އޮ ފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ރަޝާދުގެ މައްޗަށް ދައުލަތުން ކުރާ އެދައުވާއާ ގުޅިގެން ފޮނުވާ ކޯޓު އަމުރާއި ހަވާލުވެފައި ވަނީ އޭނާގެ ގެއިން ކަމަށާއި އޭނާ ކޯޓަށް ހާޒިރުކުރާނީ ކަމާބެހޭ އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ މީހަކު މާލެ ތެރެއިން ފެނުނު މައްސަލާގައި ޑީޕީއާރުއެސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.