03 Mar 2016, 09:44
އަނބިމީހާ އަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އިބްރާހިމް ޝާހު، 40،ގެ ބަންދުގެ މުއްދަތު 10 ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޒިޔާދާ ފިރިމީހާ ޝާހްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
ޖިންސީ އަނިޔާތަކެއް ލިބުނު ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނެފައި ވަނީ ޒިޔާދާ އަށް އިންސާފު ހޯދައިދިނުމަށް މިނިސްޓްރީގެ ބާރުގެ ދަށުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގުތަކަށް އުނިކަންދީ އަނިޔާ ކުރާ ފަރާތްތަކަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށާއި އެ އަދަބު ވީހާ ވެސް އަވަހަކަށް އެ މީހަކަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.