މީގެ 13 އަހަރު ކުރިން، 2003 ވަނަ އަހަރު ޑިޒްނީ ޕިކްޗާސް އެނިމޭޝަންސްއިން އުފެއްދި ފިލްމު "ފައިންޑިންގ ނީމޯ"އަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ފިލްމެކެވެ.

އުފެދުމުގައި އައިބެއް ހުންނަ ކުޑަ ކްލައުންފިޝްއެއް ނުވަތަ މާގަނޑު މަހެއް އޭނާއަށް ހެދޭ ކުޑަ ގޯހަކާއި ހެދި އިންސާނުންގެ އަތްދަށަށް ދިއުމުން އެ ކުޑަ މަސް އަނބުރައި ހޯދުމަށް އެ މަހުގެ ބައްޕަ އާއި ބައްޕަގެ އެކުވެރިއަކު މާސިންގާ ކަނޑުގައި ފެތުމަށް ފަހު އެންމެ ފަހުން އޭނާގެ ދަރިފުޅު ހޯދާ ވާހަކަ އެކެވެ.

ނީމޯ ނަމަކަށް ކިޔާ މި ކުޑަ މަސް ހޯދުމުގެ މަސައްކަތް ކުރަނީ އޭނާގެ ބައްޕަ މާލިން އާއި، ހަނދާން ނެތޭ ބަލި ހުންނަ ރީގަލް ޓޭންގް މަހެއް ކަމުގައިވާ ޑޯރީ އެވެ.

މި ފިލްމަށް 13 އަހަރު ފުރިފައިވާ އިރު، ޑިޒްނީއިން މިދިޔަ އަހަރުން ފެށިގެން އައީ މި ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

"ފައިންޑިންގ ޑޯރީ" ނަމަކަށް ކިޔާ މި ފިލްމު މި އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައި ޕްރިމިއާ ކުރުމަށް ނިންމާފައިވާ އިރު، މި ފިލްމުގެ ފުރިހަމަ ޓްރެއިލާއެއް މިވަނީ އާންމު ކޮށްފަ އެވެ.

ފައިންޑިންގ ޑޯރީއަކީ، ޑޯރީ އޭނާގެ އާއިލާއާއި މައިންބަފައިން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެނިމޭޓެޑް ފިލްމެކެވެ. ޓްރެއިލާއިން އެނގޭ ގޮތުގައި، ފައިންޑިން ޑޯރީއިން ދައްކުވައިދޭ ވާހަކަ ބިނާ ވަނީ، މީގެ 13 އަހަރު ކުރިން ނެރުނު "ފައިންޑިން ނީމޯ"ގެ ހާދިސާތައް ނިމޭތާ ހަ މަސް ދުވަސް ފަހަށެވެ.

ޑޯރީއަށް އޭނާގެ އާއިލާ އާއި ކުޑައިރުގެ ހަނދާންތައް ކުއްލިއަކަށް އާވުމުގެ ސަބަބުން އޭނާ، އޭނާގެ އާއިލާ ހޯދުމަށް ބޭނުންވެ، މާލިން އާއި ނީމޯގެ އެހީ އާއި އެކު ދަތުރު ފަށަ އެވެ.

މި ފިލްމުގައި ޑޯރީގެ އަޑު އަޅާފައިވަނީ ފުރަތަމަ ފިލްމުގައި ވެސް ޑޯރީގެ ވޮއިސް އެކްޓްރެސް އެލެން ޑިޖެނެރެސް އެވެ. މާލިންގެ އަޑަށް ވެސް ބަދަލެއް ނައިސް، ކުރީ ފިލްމުގެ ވެސް ވޮއިސް އެކްޓަރު އެލްބަޓް ބްރުކްސްގެ އަޑު އިވިގެން ދާނެ އެވެ. ނަމަވެސް ނީމޯގެ އަޑު މި ފިލްމުގައި ތަފާތު ވާނެ އެވެ.

ޖޫން މަހުގެ 17 ގައި ރިލީޒްކުރާ މި ފިލްމުގެ އިތުރު ވޮއިސް އެކްޓަރުންގެ ތެރޭގައި ވިލެމް ޑެފޯ، ޑަޔޭން ކީޓަން، ޔޫޖީން ލީވައި، ވިކީ ލުވިސް އަދި މަޝްހޫރު ސިޓްކޮމް މޮޑަރން ފެމިލީގެ ދެ ތަރިން ޓައި ބަރަލްއާއި އެޑް އޯނީލް ހިމެނިގެން ދާނެ އެވެ.

މަސްދަރު: އީ އޮންލައިން