ސިޔާސީ ކޯޅުންތަކުގެ ތެރޭގައި ވަގުތުތައް ހޭދަކޮށްލުމަކީ އެކަމުގެ ސަބަބުން އަޅުގަނޑުމެން ދަތިތަކެއް އުފުލަންޖެހިދާނެ ކަމެއް ކަމަށާއި އެފަދަ ކަންތައްތަކާ މެދު ވިސްނަންޖެހޭ ކަމަށް ޑީއާރްޕީން ބުނެފިއެވެ.

ސަރުކާރާ އެކު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ކޮންމެ މީހަކަށްވުރެ އަޅުގަނޑުމެންގެ ގައުމު ބޮޑުވާނެ ކަމަށާއި ގައުމީ މަސްލަހަތުގައި ވާހަކަދައްކަން ހުރިހާ ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފަހި މާހައުލެއް އުފެއްދުމަށްޓަކައި އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ބައިވެރިވެގެންނޭ އަޅުގަނޑުމެންނަށް ވާހަކަތަކުން މާނަހުރި ނަތީޖާއެއް ނެރެވޭނީ. އެހެންވީމަ ފަހި މާހައުލެއް އުފެއްދުމަށްޓަކައި ވެސް އަޅުގަނޑުމެން އެބަޖެހޭ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައިވެރިވުން މި ވާހަކަތަކުގައި އޮންނަން. އެއިރުންނޭ މި ވާހަކަތަކުން އަޅުގަނޑުމެންނަށް އުފެއްދުންތެރި ނަތީޖާއެއް ނެރެވޭނީ. އަދި ގައުމަށް ވެސް އޭގެ އެންމެ ފައިދާހުރިގޮތުގައި އަޅުގަނޑުމެންނަށް މިވާހަކަތަކުގެ ނަތީޖާ ނެރެވޭނީ،" ކާނަލް ނަޝީދު ވިދާޅުވިއެވެ.

މަޝްވަރާއަށް ރަނގަޅު ކަމެއް ކަމަށްވާނަމަ ބައިނަލްއަގުވާމީ ފަރާތްތަކުން ބައިވެރިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ޑީއާރްޕީއަށް އަބަދުވެސް ގަބޫލުކުރެވެނީ ދިވެހީންގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރާނެ ގޮތް ދިވެހީންނަށް އެނގޭނެ ކަމުގައި ކަމަށް ކާނަލް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑު ދިވެހިރައްޔިތުންގެ ޕާޓީ ހިންގަން ހަވާލުވެހުރި މީހެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ބޭފުޅުންނަށް ވެސް ދަންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅުންނަށް ވެސް ދަންނަވާނީ ވަޑައިގެންނަވާށޭ މޭޒުދޮށަށް. ޚިޔާލުތަފާތުވުންތަކަށް އަޅުގަނޑުމެންނަށް ވާހަކަދެއްކޭނޭ. ވާހަކަދައްކައިގެން ހައްލުތަކެއް އަޅުގަނޑުމެންނަށް ނެރެވޭނޭ،" ކާނަލް ވިދާޅުވިއެވެ.