02 Mar 2016, 23:59
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހިންގަން ޖެހެނީ އެމްނެސްޓީ އިންޓަނޭޝަނަލާއި އެޖަމިއްޔާ ހިންގާ ވަކިވަކި ފަރުދުން ރުއްސުމަށް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.
އިންސާނީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ނެރުނު "ސްޓޭޓް އޮފް ވޯލްޑް ހިއުމަން ރައިޓްސް އިންޑެކްސް"ގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުން މިއަދު ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެ، އާންމު ކޮށްފަ އެވެ. އެ ބަޔާނުގައި ސުޕްރީމް ކޯޓުން ވަނީ އެމްނެސްޓީ އިންޓަނޭޝަނަލުން އެޖަމިއްޔާގެ ރިޕޯޓުގައި ލިޔެފައިވަނީ ރަނގަޅު އަދި ސައްހަ މައުލޫމާތު ސާފު ނުކޮށް ކަމަށް ތުހުމަތު ކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތައް ހިނގަނީ ވަކި ފަރުދަކަށް ވަކި ގޮތެއް ހަދައިގެން ނޫން ކަމަށާއި، ވެރިއެއް ވިޔަސް، ސިޔާސީ މީހެއް ވިޔަސް އަދި އާންމު ރައްޔިތެއް ވިޔަސް ރާއްޖޭގެ ކޯޓުތަކާއި ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ.
"ރާއްޖޭގެ ޖުޑީޝަރީއިން ވަކި ސިޔާސީ ލީޑަރަކަށް ލުޔެއް ދީ، ގާނޫނީ އިމުގެ މައްޗަކަށް ނުނެގޭނެ. އަދި ވަކިން ޚާއްސަކޮށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަކި މީހަކަށް އޮންނަ ލޯތްބަކާއި ތާއީދަކީ، ގާނޫނުގެ ކުރިމަތީގައި މީހެއްގެ ހައިބަތު މައްޗަށް ނެގޭނެ ސަބަބެއްވެސް ނޫން،" ސުޕްރީމް ކޯޓުން ބުނެފައި ވެ އެވެ.
ސުޕްރީމް ކޯޓުން ބުނެފައި ވަނީ، އެމްނެސްޓީއިން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑު ކިޔާފައިވާ އިރު އެ ޖަމިއްޔާއަށް ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތެއްވެސް ނޫން ކަމަށެވެ. އަދި އެ ޖަމިއްޔާއަށް މައުލޫމާތު ލިބިފައިވަނީ ސިޔާސީ މަގްސަދުތަކުގައި ވަކި ކޮޅަކަށް ބުރަވެ ހުރެ މައުލޫމާތު ފަތުރާ މީހުންނާއި، ސޯޝަލް މީޑިޔާގެ ފަރާތުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ، ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނީ ތަރަހައިގެ ތެރެއިން އަދުލު އިންސާފާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުން ކަމަށާއި، މިކަން އެމްނެސްޓީއިން ދެނެގަތުމަށް ފޭލުވެފައި ވުމަކީ ރާއްޖޭގެ ހައިބަތާއި އަގު ވައްޓާލުމަށް ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ގައުމެއްގެ އަގު ވައްޓާލުމަށް ބަޔަކު މިފަދައިން ހިންގާ ދަށު ދަރަޖައިގެ އަމަލުތަކަކީ ދިވެހިރާއްޖެއިން ދުވަހަކުވެސް ބަލައިގަންނާނެ ކަންތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
"އެމްނެސްޓީ އިންޓަނޭޝަނަލުން މިކަން އިތުރަށް ކުރިޔަށް ގެންދިއުމުގެ ސިޔާސަތު ބެލެވިގެން ދަނީ، ދިވެހި ރާއްޖޭގެ ރައްޔިތުންނާ މެދު ޖައްސާލައި އެ ރައްޔިތުންނަށް ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގަ އާއި، ދިވެހި ރައްޔިތުން އެމީހުންގެ ގައުމުގެ މައްޗަށް އޮންނަ ހައްގުތައް ނިގުޅައިގަތުމުގެ އަމަލެއްގެ ގޮތުގައި. މިކަން [ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން] އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތަކަކީ ރާއްޖެއާއި އެހެން ގައުމުތަކާ މެދު އޮންނަ ގުޅުމާއި އިތުބާރު ނަގާލައި، ރަހުމަތްތެރިކަމުގެ ގުޅުންތައް ފުނޑުފުނޑުކޮށްލާ ކަމަކަށް. ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ކުރިއެރުވުމަށް މިކަމުން އެއްވެސް އެހީތެރިކަމެއް ނުލިބޭ،" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.