އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ނުލައި ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ކުރިއަށްގެންދާ މަޝްވަރާތައް މިރޭ ފަށައިފިއެވެ.

މިރޭ 8:30 ގައި ރައީސް އޮފީހުގައި ބޭއްވި މަޝްވަރާގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއެވެ.

ޕީޕީއެމްގެ ފަރާތުން މަޝްވަރާ ބައްދަލުވުމުގައި މިރޭ ބައިވެރިވެވަޑައިގެންފައި ވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ. އެމްޑީއޭގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. އަދި ޑީއާރްޕީގެ ފަރާތުން އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ ވަގުތީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. ހާމިދު ރަޝީދެވެ.

ސަރުކާރުގެ ފަރާތުން އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މިރޭގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ ސަރުކާރުން ގަބޫލުކުރީ މިރޭގެ ބައްދަލުވުމުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން ބައިވެރިވާނެ ކަމުގައި ކަމަށެވެ. ނަމަވެސް އެ ދެ ޕާޓިން މިރޭގެ ބައްދަލުވުމުގއި ބައިވެރިވެފައިނުވާތީ މާދަމާ މެންދުރުފަހު 3:00 ގައި ބާއްވާ ދެވަނަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވަން އެ ދެ ޕާޓީއަށް ލިޔުމުން އެންގުމަށް މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ހަތަރު ޕާޓީން ވެސް އެއްބަސްވެ އެގޮތަށް ނިންމާފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ވަޑައިގެންނެވި ޕާޓީތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު ހަމަނުޖެހިގެން އުޅޭ ހަމަނުޖެހުންތައް، އިދިކޮޅު ޚިޔާލުތަކެއް، ސަރުކާރާ ޚިޔާލުތަފަތުވާ ކަންތައްތަކެއް ހުރީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ފަރާތުން ބޮޑަށް. އެހެންވީމަ އެބޭފުޅުންނާ ނުލާ އެކަންކަން ހައްލުކުރުމަށްޓަކައި އެބޭފުޅުންނާ ވާހަކަދައްކައިގެން އޭގަ މާބޮޑު ހައްލުތަކެއް ނުނިކުންނާނެ ކަމަށް ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވެލެއްވީ. އެހެންވީމަ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާ އެކު އަޅުގަނޑުމެން މިރޭ މި ނިންމީ އަނެއްކާވެސް މާދަމާގެ ވަގުތެއްގައި، މާދަމާ 3:00 ގައި އަނެއްކާވެސް ވާހަކަތައް ކުރިއަށް ގެންދަން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމުގެ ނިޔަތުގައި ތިބި ކަމަށް މިރޭގެ މަޝްވަރާތަކުގައި ބައިވެރިވި ހަތަރު ޕާޓީން ވެސް ބުނެފައިވާ ކަމަށެވެ.

އެ ހަތަރު ޕާޓީން ބުނެފައިވާގޮތުން އެޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވީ ގައުމަށް އަންނަން އޮތް ތަރައްގީ އާއި ރައްޔިތުންނަށް ލިބިދޭންޖެހޭ ހަމަޖެހުން ފަދަ ކަންތައްތައް ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އެހެންވީމަ 21 ގަރުނުގަ އަޅުގަނޑުމެން ތިބި އިރު ވާހަކަދައްކައިގެން ހަމަނުޖެއްސޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ގަބޫލުކުރެވޭތީވެ ހެޔޮނިޔަތެއްގައި ތިއްބެވިނަމަ މާދަމާ ވެސް ވަޑައިގަންނަވާށޭ އެމްޑީޕީ އާއި އަދާލަތު ޕާޓީން،" ޝައިނީ ވިދާޅުވިއެވެ.

މަޝްވަރާތަކުގެ އެޖެންޑާއަށް ސަރުކާރުން އެއްވެސް ކަމެއް ހުށަނާޅާނެ ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދާނީ ހުރިހާ ޕާޓީތަކުން ވެސް ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކަށް ވެސް ޖާގަދީގެން ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.