އިންޑޮނޭޝިއާއަށް މިއަދު ހަވީރު 5:49 ގައި އައި ބިންހެލުމުގެ ސަބަބުން ގެއްލުންވެދާނެ ގައުމުތަކުގެ ތެރެއިން ރާއްޖެ ހިމެނިފައިވާ ސަރަހައްދަކީ ނުރައްކާތެރި ސަރަހައްދެއް ނޫން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ އިންޑޮނޭޝިއާއި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގެ ދިޔަވަރު ކުޑަކޮށް ބޮޑުވެފައިވީ ނަމަވެސް ރާއްޖެ ހިމެނެނީ ގެއްލުން އެންމެ ކުޑަކަމަށް ބެލެވޭ ސަރަހައްދުގައި ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުނާމީގެ އަސަރު އެބައުޅޭ ކަމަށާއި ނަމަވެސް އެއީ "ބޭބީ ސުނާމީ" އޭ ކިޔާވަރުގެ ވަރަށް ކުޑަ އުފުލުމެއް ކަމަށް އަލީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ނުރައްކާ ޒޯނުން ބޭރުގައި، ސުނާމީ އަންނާނެ ކަމަކަށް ލަފައެއް ނުކުރަން." އަލީ ވިދާޅުވިއެވެ. "ކަންބޮޑުވާ ޖެހޭ ވަރުގެ ކަމެއް އަދި ފާހަގައެއް ނުކުރެވޭ."

އޭނާ ވިދާޅުވީ ސުނާމީގެ އަސަރެއް ނެތް ކަމަށް ބެލެވުނު ނަމަވެސް ތައްޔާރީ ހާލަތުގައި ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސުނާމީ ފަދަ ހާދިސާތައް ދެނެގަނެވޭ އާލާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާއިރު މެދުކެނޑުމެއް ނެތި މައުލޫމާތު ނަގަމުން އަންނަ ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އެނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިހާލަތުގައި ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަފައިވާ ކަމަށެވެ. އެގޮތުން ސިފައިން އެލާޓްކޮށް މުއާސަލާތީ އެކި ވަސީލަތްތައް ގާއިމްކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ސުނާމީއެއްގެ އަސަރުކޮށްފިނަމަ ކަންކުރާނެ ގޮތްތަކެއް ރޭވި ކޯސްޓްގާޑް ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.