ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިނުވާން އެމްޑީޕީންނާއި އަދާލަތު ޕާޓީން ނިންމުމުން ދެވަނަ ފަހަރަށް ސަރުކާރުން އެދެ ޕާޓީއަށް އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އިތުބާރު ހިފޭ މާހައުލެއް ނެތްކަމަށް ބުނެ ވާހަކަ ތަކުގައި ބައިވެރިވުމަށް އެމްޑީޕީންނާއި އަދާލަތުން ދެކޮޅު ހެދުމުން ސަރުކާރުން އަނެއްކާވެސް އެ ދެޕާޓީއަށް ދައުވަތު ދީފައިވާ ކަމަށެވެ.

"ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އިތުބާރު ހުރި މާހައުލެއްގާއިމް ނުކޮށް ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރުން ކަމުގައި ވާތީ މިރޭގެ މަޝްވަރާތަކަށް ސަރުކާރުން އެދެ ޕާޓީއަށް އަލުން ދައުވަތު ދީފި،" ރައީސް އޮފީހުން ބުންޏެވެ.

އެކަމާއި ގުޅޭގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ކަމާގުޅޭ ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެބޭފުޅުންގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެމްޑީޕީއާއި އަދާލަތު ޕާޓީ ވަނީ މަޝްވަރާތަކުގައި ބައިވެރިވެވެން ނެތްކަން ރައީސް އޮފީހަށް އަންގާފައެވެ.

މިރޭގެ މަޝްވަރާތަކުގަައި ބައިވެރިވުމަށް ހަ ޕާޓީއަކަށް ސަރުކާރުން ވަނީ ދައުވަތު ދީފައެވެ. އެއީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓިގެ އިތުރުން އެމްޑީއޭއާއި ޑިއާރުޕީގެ އިތުރުން އެމްޑީޕީއާއި އަދާލަތު ޕާޓީއެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު އެވެ.

އެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވި ފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.