ދައުލަތުގެ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރުތައް ރެކޯޑްކޮށް، އެ ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލް ކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އެކަކު ވެސް މިހާރު ހައްޔަރުގައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ 14 މީހުން އެކި ފަހަރުމަތިން ދޫކޮށްލައިފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ، ހައްޔަރުކުރިކުރި މީހުންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށްފަހު ދޫކޮށްލީ އެމީހުން ހައްޔަރުގައި އިތުރަށް ބެހެއްޓުމަށް ނުފެންނާތީ ކޯޓުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ގޭ ބަންދަށް ދޫކުރި މީހުން ވެސް މިހާރު ވަނީ ގޭ ބަންދުން ވީއްލައިފަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ފުލުހުން ހޯދައިފައިވާ ބަރަހަނާ މަންޒަރުތަކުން ފެންނަ މީހުން އައިޑެންޓިފައިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ؛ "މި މައްސަލައިގައި ހިމެނޭ ވީޑިއޯތަކުގައި ވަރަށް ގިނަ މީހުން ހިމެނޭ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް އައިޑެންޓިފައިނުކުރެވޭތީ އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ،"
މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ ގިނަ އަދަދެއްގެ މީހުންގެ އޮރިޔާން މަންޒަރާއި ބަދުއަޚްލާގީ އަމަލުތައް ދައްކުވައިދޭ ވީޑީއޯ އާއި ފޮޓޯ ބޭނުންކޮށްގެން ބައެއް ފަރާތްތަކަށް ބިރުދައްކައި ބްލެކްމެއިލްކޮށްގެން ފައިސާ އަތުލުމާއި އެކިބާވަތްތަކުގެ ނާޖާއިޒް ފައިދާ ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫން 10 މީހަކާއި މާލެ އިން ހަތަރު މީހެއް ކަމަށެވެ.
އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 26 އަހަރާއި ދެމެދުގެ މީހުންނެވެ. މާލެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެކަކުވެސް ތަފްސީލެއް ފުލުހުން އާއްމުނުކުރެ އެވެ.
މީގެ ތިން މަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަން ފެށި ބްލެކްމެއިލްގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާތާ ދެ މަސް ވެފައިވާ އިރު މިހާތަނަށް ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.
ބައެއް ވީޑިއޯތަކުގައި ފެންނަ ކަމަށް ބެލެވޭ ބައެއް ފަރާތްތައް މިހާރު އުޅެމުންދަނީ ރާއްޖޭން ބޭރުގައި ކަމަށް ވެސް ވަނީ އަޑުފެތުރިފައިވެ އެވެ.
ދައުލަތުގެ އިސްވެރިންތަކެއް ބަރަހަނާވެފައިވާ މަންޒަރުތައް ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯތަކަކީ ވެބްކެމް މެދުވެރިކޮށް ނަގައިފައިވާ ވީޑިއޯތަކެކެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސްވެރިންގެ އިތުރުން މުޖުތަމައުގެ އެކި ފަންތީގެ މީހުން ހިމެނެ އެވެ. ނަމަވެސް، އޭގެ ތެރެއިން ވީޑިއޯއަކުން ފެންނަ ކަމަށް ބެލެވުނު ސަރުކާރުގެ އިސްވެރިންގެ ތެރެއިން އެންމެ ފަރާތެއް ފިޔަވައި އެއްވެސް ބޭފުޅަކު މިހާތަނަށް އިސްތިއުފާދެއްވައިފަ އެއް ނުވެ އެވެ.