އިންޑޮނޭޝިއާގެ ސްމަޓްރާ ކައިރިއަށް ބާރު ގަދަ ބިންހެލުމެއް އައުމާއެކު ސުނާމީއެއް އަތުވެދާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މިއަދު 5:49 ކަންހާއިރު ސުމަޓްރާ ކައިރިއަށް އައި އެ ބިންހެލުމާ ގުޅޭގޮތުން މެޓް އޮފީހުގެ އޮފިޝަލަކު ދެންމެ ވިދާޅުވީ، އެފަދަ ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ސުނާމީއެއް ޖެނެރޭޓުވުމުގެ ޕޮސިބިލިޓީ ހައިވާނެ މިހާރު، އެހެންވީމަ ސުނާމީ ޖެނެރޭޓް ވެދާނެ ކަމަށް ރައްޔިތުން ތިބެންވާނީ އެލާޓްވެ،" އޮފިޝަލް ވިދާޅުވިއެވެ.

ސުނާމީއެއް އުފެދުނުކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށާއި މިހާރުވަނީ "ޔެލޯ އެލާޓް" ނެރެފައި ކަމަށާއި ސުނާމީއަކަށް ތައްޔާރުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ގާތްގަނޑަކަށް ބައިގަޑި އިރު ކުރިން ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި އެ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.