02 Mar 2016, 18:23
އިންޑޮނޭޝިއާގެ ސްމަޓްރާ ކައިރިއަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މީގެ ގާތްގަނޑަކަށް ބައިގަޑި އިރު ކުރިން ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި އެ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އެ ބިންހެލުން އައުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެތީ މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ޖަޒީރާގެ ޕަޑާން ނަމަކަށް ކިޔާ ސަރަހައްދަށް އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ލަފާކޮށްފައެވެ. އިންޑޮނޭޝިއާގެ ނެޝަނަލް މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ސުމަޓްރާ ޖަޒީރާގެ އުތުރަށާއި ދެކުނަށް އަދި އަޗޭއަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.
ބިންހެލުން އައިސްފައި ވަނީ ގެއްލުންތައް ލިބޭ ފަދަ ތިލަމިނަކަށް ކަމަށް ވިޔަސް އިންޑޮނޭޝިއާގެ އެއްވެސް ސަރަހައްދަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.