އިނގިރޭސި ޕްރިމިއާ ލީގްގައި މިވަގުތު އެއް ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ވެސްޓް ބްރޯމްއާ ދެކޮޅަށް ކުޅުނު މެޗް 2-2 ން އެއްވަރުވެ ތާވަލްގެ ކުރީގައި ފަރަގު ބޮޑު ކުރުމަށް ލިބުނު ފުރުސަތު ލެސްޓާއަށް ގެއްލުމުން، ލީގްގެ ދެ ވަނައިގައި ދެ ޕޮއިންޓްގެ ފަރަގާއެކު އޮތް ޓޮޓެންހަމް ހޮސްޕާއަށް މިރޭ ވެސްޓްހަމް ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލީގު ތާވަލުގެ އެއް ވަނައަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

އެއް ވަނައިގައި އޮތް ލެސްޓާއަށް 57 ޕޮއިންޓް ލިބިފައިވާއިރު ޓޮޓެންހަމްއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

ލީގް ޗެމްޕިއަން ޓީމަށް ހަތަރު ޓީމު ވާދަ ކުރާއިރު، ލެސްޓާގެ ކޯޗް ކްލައުޑީއޭ ރަނިއޭރީ ގަބޫލު ކުރާ ގޮތުގައި ލީގުގައި ފޭވަރިޓަކީ ޓޮޓަންހަމްއެވެ. ރޭގެ މެޗަށް ފަހު ޕޯސްޓް މެޗް ޕްރެސްކޮންފަރެންސްގައި މީޑިއާއާ ވާހަކަ ދައްކަމުން ރަނިއޭރީ ބުނީ އެންމެންވެސް ވާހަކަ ދައްކަނީ ލެސްޓާގެ ވާހަކަ ކަމަށާއި އެއްވެސް މީހަކު ޓޮޓެންހަމްގެ ވާހަކަ ނުދައްކާ ކަމަށެވެ.

އަދި ޓޮޓެންހަމްއަކީ ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ނެރޭވޭ ޓީމެއް ކަމަށާއި ޑިފެންސްކޮށް އެޓޭކު ކުރަމުން މެޗުން ކާމިޔާބު ހޯދަންވީ ކިހިނެއްކަން ޓޮޓެންހަމްގެ ކުޅުންތެރިންނަށް އެނގޭ ކަމަށް ރަނިއޭރީ ބުންޏެވެ.

"ޓޮޓެންހަމްއަކީ ކޮންމެ ހާލަތެއްގައިވެސް ވަރުގަދަ ޓީމެއް. ދިފާއުކޮށް އެޓޭކު ކުރަމުންވެސް މެޗުން ނެރެންޖެހޭނީ ކޯއްޗެއްކަން ޓޮޓެންހަމްގެ ކުޅުންތެރިންނަށް އެނގޭނެ. (ލީގް ޗެމްޕިއަންގެ ވާހަކަ ދައްކަންޏާ) އެންމެން މިދައްކަނީ ލެސްޓާގެ ވާހަކަ. ކީއްވެ ޓޮޓެންހަމްގެ ވާހަކަ ނުދައްކަންވީ،" ރަނިއޭރީ ބުންޏެވެ.

ނަމަވެސް ޓްވިޓާގައި ޓޮޓެންހަމްގެ ސަޕޯޓަރުން ބުނަމުން ދިޔައީ ރަނިއޭރީގެ އެވާހަކަ ތަކަކީ ވެސްޓްބޮރޯމް މެޗުން އެއްވަރުވުމުން ކުރިމަތިވި ހާސްކަމުން ދެއްކި ވާހަކައެއް ކަމަށެވެ.

ރަނިއޭރީ ދެއްކި ވާހަކަޔަށް އިޝާރާތްކޮށް ޓޮޓެންހަމްގެ ކޯޗް މަރީޝިއޯ ޕާޝަޓީނޯ ބުނީ "އެކަހަލަ ވާހަކަތަކާއި ޖޯކްތަކާއެކު ކުޅުމަކީ ޓޮޓެންހަމްއަށް ރަނގަޅު ކަމެއް" ކަމަށާއި އެއްވެސް މީހަކަށް ޓޮޓެންހަމްގެ މަގާމު ނުފޮރުވޭނެ ކަމަށެވެ.

ޕާޝަޓީނޯ ބުނީ އުންމީދަކީ އެއްވަނައަށް ދިއުން ކަމަށާއި "އެކަމަށް ކެއްތެރިކަމާއި ސިފަތައް" ޓޮޓެންހަމްގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އަހަރެމެން މިއޮތީ ލީގުގެ ދެ ވަނައިގައި. އަދި އަހަރެމެންގެ ހުވެފަނަކީ ކުރި ހޯދުން. އަހަރެމެންގެ ކިބައިގައި އެބަހުރި އެކަމަށް ކެތްތެރިކަމުގެ ސިފަތައް އެބަހުރި،" ޕާޝަޓީނޯ ބުންޏެވެ.

އޭނަ ބުނީ ޕްރިމިއާ ލީގްގައި އޮތް އެންމެ ޒުވާން ސްކޮޑް އޮތީ ޓޮޓެންހަމް އަތުގައި ކަމަށާއި ނަމަވެސް ލީގުގައި އޮތް މަގާމުގައި އޮތުމުގައި ކުޅުންތެރިންނަށް އެކަމުގެ ޝުކުރު ހައްގުވާ ކަމަށެވެ. އަދި ކުރިމަގަށް ވަރުގަދަ ޓީމެއް ބިނާ ކުރުމުގެ ގާބިލުކަން އެބަހުރިކަމަށާއި މިވަގުތު ކުލަބު ހޭދަ ކުރާ ވަގުތަކީ ޓޮޓެންހަމްގެ ވަރުގަދަ ދުވަސްވަރުގެ ފެށުން ކަމަށް ޕާޝަޓީނޯ ބުންޏެވެ.

ލީގްގައި މިރޭ ވެސްޓްހަމް ޔުނައިޓެޑާ ޓޮޓެންހަމް ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން ދަންވަރު 12:45 ގައެވެ.