25 Apr 2011, 14:49
ރަޖިސްޓްރީ ނުކުރާ އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރަން ހއ. ދިއްދޫގައި ކައުންސިލް އިދާރާއިން އެންގުމުން، ބަޔަކު ހިންހަމަނުޖެހިގެން އެ ރަށުގެ ކައުންސިލް އިދާރާގެ ކުރިމަށްޗަށް ޑިންގީއެއް އެހެލައިފި އެވެ.
ދިއްދޫއިން ވާހަކަދެއްކި މީހަކު ބުނީ މިއަދު ހެނދުނު ކައުންސިލް އިދާރާގެ ކުރިމައްޗަށް ހަތް ފޫޓްގެ ޑިންގީއެއް ބަޔަކު އެހެލާފައިވާ ކަމަށެވެ. އަދި އެކަން ކުރީ ކައުންސިލް އިދާރާއިން އޮޑި ދޯނިފަހަރު ގެންގުޅޭ މީހުންނަށް ދިން މައުލޫމާތުތަކާމެދު ހިންހަމަނުޖެހިގެން ކަމަށެވެ.
ދިއްދޫ ކައުންސިލް އިދާރާއިން މިއަދު ބުނީ އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންގެ ތެރެއިން ކުޑަ އުޅަނދުފަހަރު ރަޖިސްޓްރީ ނުކޮށް ދުއްވާ 21 މީހުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމުން، ކުޑަ ޑިންގީއެއް ކައުންސިލް އިދާރާގެ ކުރިމަށް މިއަދު ހެނދުނު އެހެލާފައިވާ ކަމަށެވެ. ޑިންގީ އެހެލި މީހާ ކައުންސިލް އިދާރާގެ ކުރިމައްޗަށް ޑިންގީ އެރުވުމަށް ފަހު "މި ސައިޒްގެ އެއްޗެހި ވެސް ރަޖިސްޓްރީ ކުރަންޖެހޭނެތަ؟" އެހެން ސުވާލުކުރި ކަމަށެވެ.
")އެހެލީ( ޕްލާސްޓިކުން ހަދާފައި އޮތް އެއްޗެއް. އެކަކު އެރޭވަރުގެ އެއެއްޗެއް އެއީ. )އެހެލީ( އޭގެ މިންއަޅަން ވެގެންނޯ. އެއީ ކުދި އޮޑިފަހަރު ރަޖިސްޓްރީ ކުރާވާހަކަ ދެއްކީމަ އެހެންވެގެން،" ދިއްދޫ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ކައުންސިލް އިދާރާގެ ކުރިމަށްޗަށް މިއަދު ޑިންގީއެއް އެހެލި އިރު، ފެބްރުއަރީ 12، 2006 ގައި އެ ރަށުގެ މަސްވެރިންވަނީ ދެ ޓަނުގެ މަސްތަ ރަށު އޮފީހަށް އޮއްސާލާފަ އެވެ. އެފަހަރު މަސްތައް އަޅައިލީ ބާނާ މަސް ބޯޓަށް ކިރޭ ގޮތް ނުވާތީ އެ މައްސަލަ ހައްލު ނުކުރުމުންނެވެ.