ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެގައުމުގެ ކޮމާސް މިނިސްޓަރު ގާއޯ ހޫޗެންއާ ބައްދަލުކުރައްވައިފިއެވެ.

އިކޮމިކް މިނިސްޓްރީން މިއަދު ބުނީ އެދެބޭފުޅުން ބައްދަލުކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތަކުގެ ދެވަނަ ބުރުގެ ބައްދަލުވުމުގެ ހަވާސާގައި ކަމަށެވެ.

ސައީދުއާއި ހޫޗެންގެ ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ މިންވަރާ މެދުގައެވެ.

ރާއްޖޭގެ އިގުތިސާދު ތަރައްގީ ކުރަން ހިންގާ މަޝްރޫއުތަކުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ބައްދަލުވުމުގައި ހޫޗެން ދެއްވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ ގޮތުން ސައީދު ވާހަކަފުޅުދެއްކެވިއެވެ.ރާއްޖޭގެ މާލީ އަދި ބޭންކިން ސެކްޓާގައި އިންވެސްޓްކުރުމަށް އޭނާ ވަނީ ޗައިނާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވާފައެވެ. އެގޮތުން އެފަދަ ވިޔަފާރިތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.