ބަނގްލަދޭޝްގެ ޑާކާއިން ޗެންނާއީމަގުން މާލެ އައި ބަނގްލަދޭޝް ފިރިހެނެއްގެ އަތުން ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު މޯލްޑިވިއަންގެ Q2 551 އިން ރާއްޖެ އައި އުމުރުން 37 އަހަރުގެ މީހެއްގެ އަތުން ކަމަށެވެ.

އެމީހާގެ ފޮށިތަންމަތި އެކްސްރޭ ކުރުމުގެތެރޭގައި އޭނާއާއި މެދު އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ފޮށިތަކެއް ވަނީ ފެނިފައެވެ.

ބަނގްލަދޭޝް ފިރިހެން މީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް

އަދި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު ޖުމްލަ 1.712 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އެ ކޭސްގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަ އެވެ.