02 Mar 2016, 15:39
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލަ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގާޒީ މުހުތާޒު ފަހުމީ ބައްލަވަމުން ގެންދެވި އެ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު 2:00 އަށް ތާވަލްކުރިނަމަވެސް ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.
މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެހުންނެވި ގާޒީ ބާރީގެ ބެލުމުގެ ދަށަށް މައްސަލަ ގެންދާފައިވާތީއެވެ. އެ މައްސަލަ އަދި ވަކި ގާޒީއަކާ ހަވާލެއް ނުކުރެއެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށެވެ.
އެ މައްސަލާގައި ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ އެކުންފުނިން ދިން ފަސް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވެ އެ ފައިސާ ދައުލަތަށް ލިބިފައިނުވާތީއެވެ.
އަދީބާއި ހާމިދުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ފަސް މިލިއަން ޑޮލަރުގެ ޗެކުގައިވާ ފައިސާ ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް އަދީބާއި ހާމިދު ވެގެން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެ މައްސަލާގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބާއި ޒިޔަތަށް ވަނީ ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ ފުރުސަތު ދީފައެވެ. ހާމިދު ވަނީ އެ މައްސަލާގައި ވަކީލުން ހަމަޖައްސާފައެވެ.