ދެރިއަލުގެ ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ބުރު ޖެހުމަށްފަހު އަބްދުލްޣަފޫރު އަލީ (ގައްބެ)، ދަތުރު ފުރިހަމަ ކުރުމަށްފަހު އަންނަ އަންގާރަ ދުވަހު މާލެ އަންނާނެ ކަމަށް އެޓޯލް ސެއިލާސް އިން ބުނެފި އެވެ.

އެޓޯލް ސެއިލާގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) "ސަން"އަށް މިއަދު ވިދާޅުވީ، އަންނަ އަންގާރަ ދުވަހު ހަވީރުގެ ވަގުތެއްގައި ގައްބެއަށް މާލެ އާދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގައްބެ ކުރިނބީ ގައި --- ފޮޓޯ: އެޓޯލް ސެއިލާ

"އަންގާރަ ދުވަހު 04:30 ހާއިރު. އަޅުގަނޑުމެން ރާވާފައި އޮތީ އިއްޒުއްދީން ފާލަމަށް ކައިރި ކުރާ ގޮތަށް،" ސިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައްބެ މިހާރު ދަތުރު ކުރަމުން އަންނަނީ ފ. ފުނަދޫއިން ފުރައިގެން ނ.ވެލިދޫއަށް ކަމަށެވެ. އަދި މި ވަގުތު ވައި ޖެހެނީ ގަޑިއަކު 14 މޭލު ބާރު މިނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެލިދޫ އަށް ހަވީރު ހާއިރު ދެވޭނެ ކަމަށް ލަފަ ކުރެވެނީ. ވެލިދޫ އިން ފުރައިގެން ދެން ދާނީ ނައިފަރަށް،" ސިކު ވިދާޅުވި އެވެ.

ގައްބެ އޭނާގެ ދަތުރު ފެށީ 23 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް އެ ދުވަސްތަކުގެ ތެރޭގައި ހުކުރު ދުވަސްތަކާއި ރަށްރަށުގައި މަޑުކުރާ ދުވަސްތައް ހިމަނާފައެއް ނުވެ އެވެ.

ފޮޓޯ: އެޓޯލް ސެއިލާ

ކަނޑައެޅިފައިވާ ގޮތަށް ހުކުރު ދުވަސް ދުވަހާއި ރޭގަނޑު ގައްބެ ދަތުރުކޮށްފައެއް ނުވެއެވެ. އަދި މޫސުމް ގޯސްވުމުގެ ސަބަބުންވެސް ގައްބެ ވަނީ ބައެއް ރަށްރަށުގައި މަޑުކޮވެސްކޮށްފައެވެ. އެހެންކަމުން އޭނާގެ ދަތުރު އެ ފުރިހަމަ ކުރަނީ 38 ދުވަހުންނެވެ.

ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމުގެ ބޭނުމުގައި ދަތުރު ފެށި ގައްބެ ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރާތް ކޮށްފަ އެވެ. އޭގެއިން ކޮންމެ ރަށަކުން ވެސް އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.