ނިއުރޭޑިއަންޓް ކުލަބުގެ ފުޓްބޯޅަ އެކަޑަމީއަށް ބަލްގޭރިޔާގެ ކޯޗެއް ގެނެސްފި އެވެ.

ނިއުގެ ޗެނަރަލް ސެކެޓްރީ އަލީ ޝަމީމް (ކޮޔަރު އައްޔަ) 'ސަން'އަށް މިއަދު ވިދާޅުވީ ބަލްގޭރިޔާގެ ކޯޗު ރެޑޯއީ ރިސްތޯވް މިއަދު ހެނދުނު ވަނީ މާލެއައިސްފައިވާ ކަމަށާއި މިއަދު ހަވީރު ކުރިއަށްދާ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރި ވާނެ ކަމަށެވެ.

އުމުރުން 62 އަހަރުގެ ރެޑޯއީއަކީ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާކާރު ކޯޗެއް ކަމަށް އަލީ ޝަމީމް ވިދާޅުވި އެވެ. އެގޮތުން މިޔަންމާގެ ޒުވާން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ތިން އަހަރު މަސަތްކަތް ކޮށްފައިވާއިރު ހަމަ އެ ގައުމުގެ ސީނިއާ ޓީމުގެ ސީނިއާ ކޯޗެއްގެ ގޮތުގައި ވެސް ތިން އަހަރު އޭނާ މަސަތްކަތް ކޮށްފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑޮނޭޝިޔާގެ ސީނިއާ ޓީމުގައި ވެސް އޭނާ ވަނީ ދެ އަހަރު މަސަތްކަތް ކޮށް ބަލްގޭރިއާގެ 21 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި 10 އަހަރު މަސަތްކަތްކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ބަލްގޭރިޔާގެ ފެޑެރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުންކަން ވެސްކޮށްފަ އެވެ.

ނިއުރޭޑިއަންޓްގެ އެކަޑަމީގައި މީގެ ކުރިން ވެސް ބަލްގޭރިޔާގެ ކޯޗެއް މަސައްކަށްފައިވާ އިރު މިހާރު އެކެޑަމީގެ ކޯޗެއްގެ ގޮތުގައި ހުންނަނީ އިބްރާހިމް ލުތުފީ (ސަމްޕަތު) އެވެ. މިހާރު ނިއުގެ ސީނިއާ ޓީމުގެ ހެޑްކޯޗަކީ ވެސް ބަލްގޭރިޔާއަށް ނިސްބަތްވާ ކޯޗެކެވެ.

ނިއުގެ އެކަޑަމީގައި މިވަގުތު ވެސް 250 އަށްވުރެ ގިނަ ކުދިން ތަމްރީން ހޯދަމުންދާއިރު އެ އެކަޑަމީގައި ތަމްރީން ހޯދަމުން ދަނީ 12 އަހަރުން ދަށުގެ ކުދިންނެވެ.