ބްރަސެލްސް (މާޗް 2): ފަލަސްތީނުގައި ހިންގާ ސިއްހަތާއި ތައުލީމާއި ބެހޭ ޕްރޮގްރާމްތަކަށް އެހީވުމުގެ ގޮތުންނާއި މެދުއިރުމަތީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޮރުކޮށްދިނުމުގެ ގޮތުން ފަލަސްތީނުގެ ސަރުކާރަށް 252 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން ފައިސާގެ އެ އެހީދީފައި ވަނީ ފަލަސްތީން ވަކި ދައުލަތަކަށް ވުމުން، އެ ދައުލަތުގެ އިދާރާތަކަކީ ޒިންމާދާރު އަދި ޑިމޮކްރަޓިކް އިދާރާތަކަށް ހަދަން އެހީތެރިވުމުގެ ގޮތުން ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުންޏެވެ. ޔޫރަޕިއަން ކޮމިޝަނަކީ އީޔޫގެ ތަންފީޒީ އިދާރާ އެވެ.

"މިޕެކޭޖުގެ ޒަރިއްޔާއިން ފަލަސްތީނުގެ ރައްޔިތުންގެ ތައުލީމާއި ސިއްހަތާ ބެހޭ އާއްމު ދިރިއުޅުމުގެ ކަންތައްތަކަށާއި އެގައުމުގެ އެންމެ ފަގީރު އާއިލާތަކަށް އެހީ ފޯރުކޮށްދެވޭނެ. ނަމަވެސް، މިހާވަރުން ނުފުދޭނެ. ފަލަސްތީނުގެ އިދާރާތައް ޖެހޭނެ އިތުރަށް ފުޅާވެ، ދެފުށްފެންނަ ގޮތަށް ހިންގާ، ޒިންމާދާރު، ޑިމޮކްރަޓިކް އިދާރާތަކަށް ވާން،" އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ޗީފް ވިދާޅުވި އެވެ.

ފަލަސްތީނާއި އިސްރާއީލް އަކީ ދެ މިނިވަން ދައުލަތުގެ ގޮތުގައި ގާއިމު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ތާއިދުކުރެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ 178 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިސްރާއީލްގެ 28 މީހަކު ވަނީ މަރުވެފަ އެވެ. (އޭއެފްޕީ)