ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު ފާސްނުކޮށް އަލުން ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުލޫކުގެ ގަވާއިދު ފާސްކުރަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، އެ މިންގަނޑު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް، ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 26 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވި އެވެ.

މި ގަވާއިދުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކު ގަރާރު ފާސްކުރަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ކަމަށްވާ 52 މެންބަރުންގެ އަޣްލަބިއްޔަތު ބޭނުންވާތީ އެ ގަވާއިދު ފާސް ނުވާކަމަށް ޖަލްސާގެ ރިޔާސަތުން ނިންމެވި އެވެ. އަދި އެ ގަވާއިދު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވަން ފެނިވަޑައިގަންނަވައިތޯ ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 67 މެންބަރުނއގެ ތެރެއިން 37 މެންބަރުން ފެންނަކަމަށް ވޯޓު ދެއްވައިގެން އެ ގަވާއިދު ކޮމިޓީއަށް ފޮނުވަން ފާސްކުރެއްވި އެވެ.

ތިރީސް ހަތް މާއްދާ ހިމެނޭ ސުލޫކުގެ ގަވާއިދުގައި މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން އަމަލު ކުރަންވާނެ ގޮތާއި އެ މިންގަނޑާ ހިލާފް ވެއްޖެ ނަމަ މެންބަރުންނާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައް ވެސް ވަނީ ހިމަނައިފަ އެވެ.

ސުލޫކުގެ ގަވާއިދު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމަށް ނިންމެވުމުން، ނިޒާމީ މައްސަލަ ނަންގަވައި ބައެއް މެންބަރުން ވިދާޅުވީ، ގާނޫނު އަސާސީން މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ބައެއް ބާރުތައް އެ މިންގަނޑުން އުނިވެގެންދާ ކަމަށެވެ. އެހެންކަމުން އެ ގަވާއިދަށް ވޯޓަށް ނޭއްސެވޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް އުނިކުރެވޭ ގޮތަށް ގަރާރެއް ވެސް ގަވާއިދެއް ވެސް ފާހެއް ނުކުރެވޭނެ. މެންބަރުންނަށް މިތަނަށް ނާދެވޭ ގޮތަށް މި ފާސްކުރަނީ. ގާނޫނު އަސާސީގައި ބުނަނީ އާއްމުގޮތެއްގައި ހިންގާ ކަންތައްތަކުގެ އުސޫލެއް ކަނޑައެޅުމަށް. މިއީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަންތައްތަކެއް. މި ފާސްކުރިއަސް ބާތިލް ކަމަކަށް އެކަން ވެގެންދާނީ،" ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާ އިން ފެށިގެން 105 ވަނަ މާއްދާ އަށް ކައުންސިލް ޖެނެރަލަކު މާނަނުކޮށް އެފަދަ އެއްޗެސް ފާސްކުރުމަކީ ގޯހެއް ކަމަށެވެ. އަދި މެންބަރުންނަށް އަދަބުދޭން ތާއީދު ކުރެއްވި ނަމަވެސް ގާނޫނު އަސާސީން ލިބިދޭ ބާރެއް އުނިކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގަވާއިދުގައި މެންބަރަކު ސުލޫކީ މިންގަނޑާ ހިލާފް ވެއްޖެ ކަމަށް ސުލޫކު ކޮމިޓީ އަށް ފެނިއްޖެ ނަމަ މެންބަރުންނާ މެދު އަޅަން ކަނޑައަޅާފައިވާ ފިޔަވަޅު ތަކުގެތެރޭގައި، އެއް ޖަލްސާ އާއި ދެ ޖަލްސާ އާ ދެމެދުގެ އަދަދަކަށް މަޖިލީހުގެ ޖަލްސާތަކުގައި އެ މެންބަރަކު ބައިވެރިވުމުން މަހްރޫމު ކުރުން ހިމެނެ އެވެ. އަދި މަޖިލީހުގައި އެ އިރަކު ހިނގަމުންދާ ދައުރުގެ ނިޔަލަށް މަޖިލީހުން ފޮނުވާ ވަފްދުތަކުގައި ބައިވެރިވުމުން އެ މެންބަރަކު މަހްރޫމް ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން ސުލޫކީ މިންގަނޑާ ހިލާފް ވެގެން ފިޔަވަޅު އަޅާފައިވާ މެންބަރަކު އެ ފިޔަވަޅަށް ފަހު، ބައިވެރިވާ ފުރަތަމަ ޖަލްސާގައި ސުލޫކީ މިންގަނޑާ ހިލާފް ވެވުނު ކަމަށްޓަކައި މަޖިލީހުގެ ކިބައިން ރަސްމީކޮށް މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.